ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، އޮމާންގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ އޮމާންގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އޮމާންގެ ޚާރިޖީ ވަޒީރާ ހިއްސާކުރައްވާފައެވެ.

އޮމާންގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި އެ ގައުމުގެ ސަރުކާރަށް ރައީސް ޑރ. މުއިއްޒު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.