އަންނަން އޮތް ޖީލުން އެދެނީ ފަލަސްތީނުގެ ގަޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރު ހުރި ދުނިޔެއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތައް، މި ޖީލު މިނެކިރާނީ "ލެގަސީ" އަކުން ނޫން ކަމަށާއި އެ ޖީލުން މިނެކިރާނީ އެ ޖީލަށްޓަކައި އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަލީގައި ކަމަށެވެ. އެ ޖީލު ބޭނުންވަނީ ނަތީޖާ ހާސިލު ކުރެވޭނެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަންނަން އޮތް ޖީލުން ބޭނުންވަނީ ގާޒާގެ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރެއް. އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމުގެ ހިތްވަރު. އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އަޅާނެ ހިތްވަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ހަމަޔަކަށް އެޅުވުމަށް އެކުލަވާލި ނިޒާމު މިހާރު ވެފައިވަނީ ހަމައެކަނި ސުރުހީއަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަން އޮތް ޖީލު ބޭނުންވަނީ ނަތީޖާ ހާސިލުކުރެވޭނެ ނިޒާމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލަކީ ހިޔާލީ ކަމެއް ނޫން ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ 62 ޕަސަންޓް ޒުވާނުންނަށް ކުރާ ކަމަށެވެ.

މިދިޔަ 50 އަހަރުގެ ތެރޭގައި މޫސުމީ ކާރިސާތަކުގެ ސަބަބުން 153 ބިލިއަން ޑޮލަރުގެ ގެއްލުން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗާ" އިން މީގެ ކުރިން ނިންމާފައިވާ ކަންކަމަށް އިސްކަންދިނުން މުހިންމު ކަމަށާއި އެގޮތުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށާއި އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން އަދި ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނެޓް ޒީރޯ ގައުމަކަށްވުމަށް ރާއްޖެއިން ވަނީ އަމާޒު ހިފާފައި. މޫސުމީ ބަދަލުތަކުން ރައްކާތެރިވެފައިވާ ގައުމަކަށް ހެދުމަށް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އަމާޒު ހިފައިފައިވާ ގޮތަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ގޮވާލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.