ދުނިޔޭގެ ޓެނިސް ކަލަންޑަރުގެ ބުރަބޮޑުކަމުން ކުޅުންތެރީންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރީންގެ އަނިޔާތައް ގިނަވަމުންދާ ކަމަށް ތިން ނަންބަރު ޓެނިސް ކުޅުންތެރިޔާ ކާލޮސް އަލްކަރާޒް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އަލްކަރާޒް މި ގޮތަށް ވާހަކަ ދައްކާފައި ވަނީ މިހާރު ކުރިއަށްދާ ލެވާ ކަޕްގައި އެމެރިކާގެ ބެން ޝެލްޓަން ބަލިކުރި މެޗަށްފަހުއެވެ. މިހާރު ކުޅެމުން އަންނަ ލެވާ ކަޕަކީ އަލްކަރާޒް މި ސީޒަނުގައި ކުޅެމުން އަންނަ 14 ވަނަ މުބާރާތެވެ.
މިހާތަނަށް އަލްކަރާޒް ވަނީ މި ސީޒަނުގައި ދެ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. އެއީ ފްރެންޗް އޯޕަން މުބާރާތުގެ އިތުރުން ވިމްބަލްޑަންއެވެ. އޭގެ އިތުރުން އޭނާ ވަނީ މިއަހަރުގެ އޮލިމްޕިކްސް ފައިނަލުގައިވެސް ކުޅެފައެވެ. ފައިނަލުގައި އަލްކަރާޒް ވަނީ ނޯވަކް ޖޮކޮވިޗް އަތުން ބަލިވެފައެވެ.
އަލްކަރާޒަށް ބުރަ އަހަރަކަށް މިއަހަރު ވެފައިވާ އިރު، އޮގަސްޓް މަހު ކުޅުނު ޔޫއެސް އޯޕަން މުބާރާތުން އަލްކަރާޒް ވަނީ ދެވަނަ ބުރުން ކަޓައިފައެވެ. އެ ހައިރާންކުރުވަނިވި ބަލިވީ ނެދަލޭންޑްސްގެ ބޮޓިކް ވެން ޑެ ޒާންޑްޝަލްޕް އަތުންނެވެ.
"މިހާރު ހީވަނީ އަހަރެމެން ކުޅުންތެރިން މަރާލަން އުޅޭހެން. މިހާރު އޮތް ކަލަންޑަރު އޮތް ގޮތުން ވަރަށް ގިނަ ކުޅުންތެރީންނަށް ބޮޑެތި، ގިނަ މުބާރާތްތަކެއް އަނިޔާގެ ސަބަބުން ގެއްލޭނެ. އެއީ ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުކޮށް މިހާރު ތާވަލު އޮތީމަ،" އަލްކަރާޒް ބުންޏެވެ.
މިހާތަނަށް ކެރިއަރުގައި ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އަލްކަރާޒް ބުނީ ކަލަންޑަރުގެ ބުރަކަމުން އެއްވެސް ރެސްޓެއް ނުލިބޭތީ ބައެއް މުބާރާތްތަކަށް ދާ ހިތްވެސް ނުވާ ކަމަށެވެ. އަދި އެ މުބާރާތްތަކުގައި ވާދަކުރާއިރު ވަރުބަލިކަން އިހުސާސް ކުރެވި، ކޯޓު ތެރެއިން ލިބެން ޖެހޭ ހިތްހަމަޖެހުން، ތަކުލީފަށް ބަދަލުވާ ކަމަށްވެސް އަލްކަރާޒް ބުންޏެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް