ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގު ކޮށޭނީ، މުޅި ދުނިޔޭގައިވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ މެންބަރު ގައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، އދ. ގައި ރާއްޖޭގެ ބަސް ވިކެން ޖެހެނީ އެތަނަކީ ސުލްހަ ހޯދުމަށް މަސައްކަތްކުރާ މައިދާންކަމުގައިވާތީ ކަމަށާއި ތަރައްގީއަށް މަގު ކޮށޭނީ މުޅި ދުނިޔޭގެވެސް އިހުތިރާމު ލިބިގެން ކަމަށެވެ.
"ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގު ކޮށޭނީ އަޅުގަނޑުމެން ގައުމަކީ މުޅި ދުނިޔޭގައިވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން. އެކަން ކުރެވޭނީ މިފަދަ މައިދާންތަކުގައި އަޅުގަނޑުމެންގެ އަޑު އުފުލައިގެން. އިހުތިރާމު ކުރާ، އިހުތިރާމު ލިބޭ ބަޔަކަށް ވެގެން. މިއީ އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް އެންމެ އިސްކަން ދޭނެ ކަމަކީ. ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަސައްވުރު ހާމަކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ބައިނަލްއަގުވާމީ މައިދާނުގައި ދިފާއުކޮށް ކުރިއެރުވޭނީ، އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަަކަށް އަންގައިދީގެން ކަމަށެވެ.
"..ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ގައުމެއްގެ ސިޔާދަތީ ބާރު އޮތް ކަމާއި އެ ބާރު ފުރިހަމައަށް ހިނގާކަމުގެ މައުލޫމާތު އެހެން ގައުމުތަކަށް ފޯރުކޮށްދީގެން. އެ ސިޔާދަތީ ބާރަށް އެހެން ގައުމުގެ އިހުތިރާމު ލިބިގެން،" ރައީސް ވިދާޅުވިއެވެ.
އދ. ގައި ރާއްޖެ ކުރާ ދަތުރަކީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އދ.ގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ނުރައްކާ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި ރާއްޖެއިން އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން މިހާރު ދަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ކުދި ޖަޒީރާތަކުގެ ކުރިއަށްއޮތް ދިހަ އަހަރުގެ ތަރައްގީގެ ޕްލޭން އދ. އިން އެކުލަވާލުމުގެ މަސައްކަތް މިއަހަރު ކުރިއަށްދިޔަ އިރު، އެ މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި ދެ ގައުމުގެ ތެރެއިން އެއް ގައުމަކީ ރާއްޖެ ކަމަށާއި މިހާރު ރާއްޖެއިން މަސައްކަތްކުރަނީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިސްރާބު ހުރީ އަދިވެސް ކުރިއަށް. ބާރު ދުވެލީގައި ކުރިއަށް. އދ. އަކީ ދުނިޔޭގެ މައި މަޖިލިސް. ދުނިޔެއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްްކަތް ކުރާ މައިދާން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށާއި އިސްކުރައްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށެވެ.
ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ، އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން ރާއްޖެ މިނިވަންވިތާ 57 ދުވަސް ފަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު