ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ"ގެ ހަވާސާގެ ތެރެއިން ކުދި ޖަޒީރާ ގައުމުތަކުގެ މާލީ ހާލަތާއި އެކަމުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރުމަށް ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދަރަނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކުދި ޖަޒީރާ ގައުމުތަކަށް އާ ކަމެއް ނޫން ކަމަށާއި އެއީ ޒަމާނުއްސުރެ، ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގުތިސޯދީ ނާޒުކުކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
އެގޮތުން ސިޑްސްގެ 40 ޕަސަންޓަށްވުރެ ގިނަ ގައުމު ތިބީ ދަރަނީގެ ދަންތޫރައިގެ ތެރޭގައި ކަމަށާއި އެގޮތުން ރާއްޖޭގެ ދަރަނީގެ ނިސްބަތްވެސް ހުރީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން 100 ޕަސަންޓަށްވުރެ މަތީގައި ކަމަށް ވިދާޅުވިއެވެ.
"މި ތަފާސް ހިސާބުތަކުން ދައްކައިދެނީ، (ދަރަނި މެނޭޖުކުރުމަށް) އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން" ރައީސް ވިދާޅުވިއެވެ.
ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) އަކީ ދަރަނީގެ ދަތިކަން ހައްލުކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވަރަށް މުހިންމު އަދި ވަގުތުން ވަގުތަށް ކުރިއަށް ގެންދާ ހިދުމަތެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޑީއެސްއެސްއެސް އިން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖުކުރާނެ އެކަށީގެންވާ ގޮތްތަކެއް ކިޔައިދޭ ކަމަށެވެ. އެގޮތުން މާލީ ޖާގަ ހޯދައިގެން، ބޭރުގެ ކްރެޑިޓަރުންނަށް އަލުން ފައިސާ ދެއްކުމުގެ ބަދަލުގައި ކްލައިމެޓް އެޑަޕްޓޭޝަނާއި ދެމެހެއްޓެނިވި ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވާ ވަސީލަތްތަކަށް ރީޑައިރެކްޓް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖުކުރުމަކީ ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ސިޑްސްގެ ވެރިންގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އިގުތިސޯދުތައް ޑައިވާސިފައި ކުރުމަށް ކުރާ މަސައްކަތުގައިވެސް އަޅުގަނޑުމެން އިސްކޮށް ހަރަކާތްތެރިވާން އެބަޖެހޭ. އަޅުގަނޑުމެންގެ ގައުމުތަކުގެ އިގުތިސޯދު ގިނަ ފަހަރު ބަރޯސާ ވަނީ ފަތުރުވެރިކަން ނުވަތަ މަސްވެރިކަމުގެ މައްޗަށް. މި ބަރޯސާވުމުގެ ސަބަބުން ކޮވިޑް 19ގެ ބަލިމަޑުކަމުން ދައްކައި ދިން ފަދައިން ބޭރު ފުށުން ލިބޭ ޝޮކްތަކަށް ވަރަށް ބޮޑަށް ނުރައްކާވޭ. މިސާލަކަށް ދުނިޔޭގެ ޖީޑީޕީ އެންމެ ބޮޑަށް ދަށަށް ދިޔަ އެއް ގައުމަކީ ރާއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޑައިވާސިފިކޭޝަނަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށާއި ދުނިޔޭގެ އިގުތިސޯދު ހަލަބޮލިވަމުން އަންނަ ދަނޑިވަޅެއްގައި ކުދި ޖަޒިރާތަކުގެ ދެމި އޮތުމަށް އެއީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ސިޑްސްގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އިގުތިސޯދުތައް ޑައިވާސިފައިކުރުމަށްޓަކައި ފައިނޭންސްގެ ވަސީލަތްތައް ބޭނުންވޭ. ދަރަނި އަދާކުރުމަކީ އަޅުގަނޑުމެންގެ ގައުމީ އާމްދަނީގެ ބޮޑު ބައެއް ހަރަދުކުރާ ކަމެއް، ގިނަ ސިޑްސްތަކަށް ބަލާއިރު، ބޭރުގެ ކްރެޑިޓަރުންނަށް ރިސޯސް އައުޓްފްލޯ އިންފްލޯއަށް ވުރެ އިތުރުވެ، ބެލެންސް އޮފް ޕޭމަންޓްސް އިތުރަށް ގޯސްވެ، ތަރައްގީ ހުއްޓިގެން ދޭ،" ރައީސް ވިދާޅުވިއެވެ.
ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭންސްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ޑީއެސްއެސްއެސްގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ އިންޓްރެސްޓް ރޭޓް ދަށްކޮށް، އަދި އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ނުވަތަ ބުރަލުއިކުރުމަށްޓަކައި ރީސްޓްރަކްޗާ ކޮށްގެން ދަރަނި ލުއިކުރުމަށް މާނަހުރި ގޮތެއްގައި ވަކާލާތުކުރުން ކަމަށެވެ.
އޭގެ އިތުރުން ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ މިލްކުވެރިކަން އެ ގައުމުތަކުން ނަގަންޖެހޭ ކަމަށާއި އެގޮތުން ހަރުދަނާ މުއައްސަސާތަކެއް ބިނާކޮށް، އުފެއްދުންތެރިކަމާއި ގާބިލުކަން އިތުރުކޮށް، މުޖުތަމައުތައް ބާރުވެރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުސްތަގުބަލް ބިނާވެފައިވަނީ، އަޅުގަނޑުމެންގެ އިންސާނީ ކެޕިޓަލްގެ ބޭނުން ހިފައި، ވިޔަފާރިކުރި އެރުވުމަށާއި އަޅުގަނޑުމެންގެ ޖަޒީރާ ގައުމުތަކުގެ ތަފާތު ބާރުތައް ދައްކުވައިދޭ ހޯމްގްރޯން ސޮލިއުޝަންތައް ތަންފީޒުކުރުމުގެ އަމިއްލަ ގާބިލުކަމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. 79 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު