މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ އޯގަސްޓު މަހުގެ އާމްދަނީ ރިޕޯޓުން ފެންނަ ގޮތުގައި މި އަހަރުގެ ޖެނުއަރީން އޯގަސްޓް މަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ނުވަތަ 68.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު 965 މިލިއަން ރުފިޔާއަށްވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.

ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނީ އެންމެ 29.6 މިލިއަން ރުފިޔާ ނުވަތަ 1.9 މިލިއަން ޑޮލަރެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އަދަދަށްވުރެ 42 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރިސޯޓް ކުލީގެ ގޮތުގައި 51 މިލިއަން ރުފިޔާ ނުވަތަ 3.3 މިލިއަން ޑޮލަރު ލިބުނެވެ.