ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީވެދޭ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ރާއްޖެ ގެންނަ ފުރަތަމަ ޔުނިޓުތައް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ތޯރިގު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ފުރަތަމަ ކޮންޓްރެކްޓް ބަޔަކާ ހަވާލުކޮށް އެ ކޮންޓްރެކްޓުގެ ދަށުން ގެންނަ 700 ޔުނިޓަކީ 700 ގޭގެ ފުރާޅުގައި ހަރުކުރަން ގެންނަ ޔުނިޓުތަކެއް ކަމަށެވެ.

"އެ ޔުނިޓުތައް މިހާރު މާލެ އައުމުގެ މަގުމަތީގައި ވަނީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އޭގެ ތެެރެއިން އެއްބައި މިހާރު މާލެ އަތުވެދާނެ، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި 700 ޔުނިޓު ރާއްޖެ އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެއަށް އިތުރު ހަތް މެގަވޯޓު އިތުރުކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ހަތަރު މެގަވޯޓުގެ ފައިނޭންސް މިހާރު ލިބިފައިވާ ކަމަށެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުމަށް ލުޔެއް ގެނެސްދިނުމަށް ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ މެނިފެސްޓޯގެ ތެރޭ ހިމެނޭ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ 28 ނޮވެމްބަރު 2023 ގައެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލްތައް ހަރުކުރުމުން ކަރަންޓު އުފެެއްދުމާއި ތެޔޮ އަންދާ މިންވަރު ދަށްކުރެވޭނެއެވެ.

"މަގޭ ސޯލާ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިިނިސްޓަރު ތާރިގް ވިދާޅުވެފައިވަނީ، "މިކަމުގައި އެހީތެރިވުމަށް ރަށްރަށުގައި ނެޓްވޯކްތައް ރަނގަޅުކުރުމާއި އިންޖީނުތައް އެފިޝަންޓުކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމަށް މިނިސްޓްރީން އެއްބާރުލުން" ދޭނެ ކަމަށެވެ.

ރާއްޖެއަކީ މުޅިންހެން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 13 އިންސައްތަ ހަރަދުވަނީ ތެލަށް ކަމަށާއި ރާއްޖެއަކީ ހަކަތަ އުފައްދާ ގައުމަކަށް ނުވުމުން ހަކަތަ އަބަދުވެސް ޖެހެނީ އިމްޕޯޓުކުރަން ކަމަށެވެ. އެހެންކަމުން ތެލަށް ހޭދަކުރާ އަދަދު ބޮޑުވެ، ޖީޑީޕީގެ 13 އިންސައްތަ ހަކަތަ އިމްޕޯޓުކުރަން ހަރަދުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.