އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި މިއީ އދ. އަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.

ހީނާ ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އާއްމު މަޖިލީހުގައި އެ މަނިކުފާނު ތަގުރީރުކުރައްވާނެ ކަމަށެވެ.

"އަދި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ހާއްސަ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި. އާދެ މިއީ ރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރަން،" ހީނާ ވިދާޅުވިއެވެ.

އާންމު މަޖިލީހުގެ ހަވާސާއިގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައިވެސް ރައީސް ތަގުރީރު ކުރައްވާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާ އިރު، މައިގަނޑު ބައިތައް އޮންނާނީ މި މަހުގެ 24 އިން ފެށިގެންނެވެ.