ދިވެހިރާއްޖެއާ އެންމެގާތުގައިވާ ސްރީލަންކާގެ ސިޔާސީ ކަންކަމުގެ ހާލަތު ހަނދާންހުރި މީހަކު މިހާރު އެބަހުރިބާވައެވެ. އެވާހަކަ ދައްކާ އަޑެއް ނީވެއެވެ. ސްރީލަންކާގެ ރައްޔިތުން އެއްވާނެއްގައި މަގުމައްޗަށް ނުކުމެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާޔާއި އޭނާގެ މުޅި އައުލާދު ވެރިކަމުން ފައްސައިލިތާ އަދި މާކަގިނަ އަހަރުތަކެއް ނުވެއެވެ. އަދިމިވީ އެންމެ ދެ އަހަރެވެ. ރާޖަޕަކްސާ ފައްސައިލުމާ ގުޅިގެން ޕާލަމަންޓް އެއްތަންވެފައި އޭނާގެ ދައުރުގެ ބާކީއޮތް ދެއަހަރު ގައުމު ހިންގުން ހަވާލުކުރީ ރަނިލް ވިކްރަމަސިންހާޔާއެވެ. އެ މުއްދަތު ހަމަވެގެން ވަރަށް އަވަހަށް ރިޔާސީ އިންތިޚާބު އެބަ ބާއްވައެވެ. ކުރިއަށްއޮތް ހަފުތާގެ ހޮނިހިރު ދުވަހަކީ ސްރީލަންކާގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހެވެ. އިންތިޚާބު ބާއްވަނީ ކަންކަން ރަނގަޅުވެ އިގްތިސާދީ ހާލަތު ބަރާބަރުވެގެނަކުން ނޫނެވެ. ގާނޫނީގޮތުން އިންތިޚާބު ބާއްވަން މަޖުބޫރުވެގެންނެވެ. ގައުމުގެ އިގްތިސާދީ ތަދުމަޑުކަމާއި ތާށިކަން އަދިވެސް ދެމިއެބައޮތެވެ.
ކޮންމެއަކަސް މި އިންތިޚާބުގައި ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއްބޭފުޅަކީ މިހާރު ހުންނެވި ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހާއެވެ. އޭނާ ކުރިމަތިލައްވަނީ ވަކި ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ކުރީގެ ރައީސެއް ކަމަށްވާ ރާނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާ ވާދަކުރައްވަނީ އެސްޖޭބީގެ ޓިކެޓްގައެވެ. މީގެ ދެ އަހަރު ކުރިން ވެރިކަމުން ފައްސައިލެވުނު ރާޖަޕަކްސާ އާއިލާގެ ކެންޑިޑޭޓަކުވެސް އެބަހުންނެވިއެވެ. ކުރީގެ ރައީސެއް ކަމަށްވާ މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއެވެ. ނަމާލްއަކީ ފައްސައިލެވުނު ރައީސް ގޮޓަބަޔާ ރާޖަޕަކްސާއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ގޮޓަބަޔާގެ ކެބިނެޓުގެ ވަޒީރެކެވެ. ނަމާލް ވާދަކުރައްވަނީ ރާޖަޕަކްސާއިންގެ ޕާޓީކަމަށްވާ އެސްއެލްޕީޕީގެ ޓިކެޓްގައެވެ. އެެންމެފަހު އަދި ހަތަރުވަނަ ކެންޑިޑޭޓަކީ ޖޭވީޕީގެ ޒަމާނުގައި ކިޔަވާކުދިންގެ ހަރަކާތްތަކުން ފާހަގަކުރެވިގެންދިޔަ އަނޫރާ ކުމާރަ ޑިސަނާޔަކާއެވެ. އޭނާ ވާދަކުރައްވަނީ އެންޕީޕީގެ ޓިކެޓްގައެވެ.
އިގްތިސާދީ ފުންވަޅުގަނޑަކަށް ސްރީލަންކާ ވައްޓައިލިކަމުގެ އިލްޒާމު ރައްޔިތުން އަޅުވަނީ ރާޖަޕަކްސާއިންގެ ބޮލުގައެވެ. އެހެންވީމާ ނަމާލް ރާޖަޕަކްސާއަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ މާބޮޑު ފުރުސަތެއްނެތެވެ. ނަމާލް ވާދަކުރައްވާތީވެސް ގިނަބަޔަކު ތިބީ ނުރުހިފައެވެ. އޭނާ ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ބައްޕާފުޅު މަހިންދަ ރާޖަޕަކްސާގެ ފޮޓޯފުޅު ދައްކަވައިގެންނެވެ. ކުރިއަށް ނެރުއްވަނީ އެ އާއިލާއިން ކޮށްދިން ކަންކަމެވެ. ދާޚިލީ ހަނގުރާމައަށް ނިމުން ގެނައުމާއި ގައުމުގެ ދެކުނުގައި ހިންގުނު ތަރައްގީގެ ބިޔަ މަޝްރޫއުތަކެވެ. ލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ މީހުންގެ ނަޒަރުގައި ނަމާލް މިފަހަރު ވާދަކުރައްވަނީ އެހާ އަވަހަށް ރައްޔިތުން ރާޖަޕަކްސާއަކު ހޮވައިފާނެ ކަމަށް އުންމީދުކުރައްވާތީއެއް ނޫނެވެ. މިއީ ވަކަރަށް ޖަހައިލުމެކެވެ. އަޖުމަބަލައިލުމެކެވެ. ގެންގުޅުއްވާކަމަށް ބެލެވެނީ ދިގުރާސްތާގެ ޕްލޭނެކެވެ. ރައްޔިތުން ނުކުމެ ފައްސައިލާ ރައީސުންގެ ދަރިން ތަންކޮޅެއްފަހުން ރައީސްކަމަށް އިންތިޚާބުވެފައިހުރިކަން ނަމާލަށް އެނގިވަޑައިގަންނަވައެވެ.
މިދެންނެވި ބަހުގެ މިސާލެއް އެންމެފަހުން ފެނިފައިވަނީ ފިލިޕީންސްގައެވެ. ރައްޔިތުން ނުކުމެ ފާޑިނަންޑް މާކޯސް ވެރިކަމުން ފައްސައިލިތާ 36 އަހަރު ފަހުން 2022 ވަނަ އަހަރު އޭނާގެ ދަރިކަލުން ބޮންގްބޮންގް މާކޯސް ވަނީ ރައީސްކަމަށް އިންތިޚާބުކޮށްފައެވެ. އެހެންވީމާ ނަމާލް ރާޖަޕަކްސާ އެހުންނެވީ އެޒާތުގެ ދިގު ދަތުރުފުޅަކަށް ތައްޔާރުވެވަޑައިގެންނެވެ. މިފަހަރުގެ ކެންޑިޑޭޓުންގެ ތެރެއިން ނަމާލްއަކީ ސީރިއަސް ކެންޑިޑޭޓަކަށް ނުބެލެވޭއިރު މިހާރު އެހުންނެވި ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހާއަކީވެސް ރައްޔިތުން ބަލައިގަންނާނެ ކެންޑިޑޭޓެއްކަމަށް ނުބެލެވެއެވެ. ރާޖަޕަކްސާއިންނަށް ރައްޔިތުން އަރާ ރުޅި ރަނިލްއަށްވެސް އެބައޮތެވެ. އޭނާ ރައީސްކަމަށް ވަޑައިގެން އެހުންނެވީވެސް ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ޕާލަމެންޓުގެ ތެރެއިން އޭނާ ރައީސްކަމަށް ގެނައީ ރާޖަޕަކްސާއިންގެ ޕާޓީންނެވެ. ޕާލަމެންޓުގައި އެ ޕާޓީއަށް އޮތް އަޣުލަބިއްޔަތުގެ ގަދަފަދަ ބާރުގައެވެ.
ރާޖަޕަކްސާއިންގެ ބޭނުމަކީ ރަނިލް މެދުވެރިކޮށް ރާޖަޕަކްސަ އާއިލާއަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދުމެވެ. އެކަން ރަނިލް ވަރަށް ބަރާބަރަށް އެބަކުރައްވައެވެ. ރާޖަޕަކްސާއިން އެތިބީ ހަމަޖެހިގެންނެވެ. ވަރަށް އުފަލުގައެވެ. ގައުމު ދޫކުރައްވައި ފިއްލެވި ގޮޓަބަޔާ ރާޖަޕަކްސަވެސް އެހުންނެވީ ދުވަސްކޮޅެއް ފަހުން އެނބުރި ގައުމަށް ވަޑައިގެން ކުރީގެ ރައީސުންނަށް އޮންނަ އިއްޒަތާއި ޝަރަފާއި ހިމާޔަތުގައެވެ. އެއިން ބޭފުޅެއްގެ މައްޗަށް ސަރިޔަތެއް ހިންގޭނެ މަގުމަގަށްވެސް ރަނިލް އެހުންނެވީ ހުރަސް އަޅުއްވައިގެން ބަންދުކުރައްވައިގެންނެވެ. ރަނިލްއަކީ އެތައް ފަހަރަކު ރައީސްކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. ނުހޮވެއެވެ. އެކަމަކު ޕާލަމަންޓުގެ ގޮނޑިއެއް ކޮންމެ ދައުރެެއްގައިވެސް ހޯއްދަވާތީ ޕާލަމަންޓުގެ ތެރެއިން ޑީލް ހައްދަވައިގެން ހަ ފަހަރަކު ބޮޑުވަޒީރުކަމަށް ވަޑައިގެންފިއެވެ. ރަނިލްގެ ކަންކަން މިހެން ހުންނާތީވެސް ތޯއްޗެކެވެ. ރައީސްކަމަށް ނާދެވުނަސް ބޮޑުވަޒީރުކަން ކުރުމަކީ ފަސޭހަކަމަކަށް ބައެއް މީހުން ހީކުރެއެވެ.
ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވަކާލާތުކުރާ ސިޔާސީ ލީޑަރުން މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ފެނުމުގެ ސިއްރަކީ އެއީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ މައުޟޫއަކަށް ނުވާތީ އެވާހަކަ ބޭއްވީއެވެ. ކޮންމެއަކަސް މައުޟޫއަކީ ސްރީލަންކާގެ ރިޔާސީ އިންތިޚާބެވެ. ކެންޑިޑޭޓުންނާއި އެބޭފުޅުންނަށް އޮތް ފުރުސަތުގެ ކުޑަބޮޑުމިނެވެ. ނަމާލް އާއި ރަނިލްއަށް ފުރުސަތު ކުޑަކަމަށް ވަނީވިއްޔާ ދެން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ ސުޖިތު ޕްރެމަދާސައާއި އަނޫރާ ޑިސަނާޔަކައެވެ. ޚިޔާލު އެއްކުރުންތަކުގައި ކުރީގައި އުޅުއްވާ ކަމަށް ފެންނަނީވެސް އެދެބޭފުޅުންނެވެ. އެ ދެބޭފުޅުންގެ ތެރެއިންވެސް މިވަގުތު ގިނަބަޔަކު ރުހޭކަމަށް ފެންނަ ބޭފުޅަކީ ސުޖިތެވެ. މިއިން ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވިއަސް ރާޖަޕަކްސާއިންނަށް ބިރުބޮޑެވެ. ހިމާޔަތުގެ ފަރުދާ ކަހާލައި އެކިބާވަތްތަކުގެ ދައުވާތައް އިސާހިތަކު އުފުލެން ފަށާނެއެވެ. އެކަން ކަށަވަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ