މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް އެދިފައިވިޔަސް އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ންޓަޕޯލްގެ ޔެލޯ ނޯޓިސްއަކީ ގެއްލިފައިވާ މީހުން ހޯދުމަށް ނެރޭ ނޯޓިސްއެކެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ތަސްލީމް ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
އެ މައްސަލައިގައި ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ. އަދި ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މީގެ އިތުރުން ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ އިރު، ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް ވަނީ އެދިފައި،" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، ތަސްލީމް ގެއްލިގެން ކުރަމުންދާ ތަހުގީގުގައި ހުރިހާ ދިމާއަކަށް ތަހުގީގު ފުޅާކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތަސްލީމު ދަތުރުދިޔަ ފަސްގަނޑު ކައިރި ޑައިވި ކޮށްގެން ބަލަނީ ވެސް އެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރަށް ދިޔާއީ ކަމަށް ބެލެވިގެންނެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެންމެ ފަހުން މައުލޫމާތު ލިބިފައި ނުވަތަ ތަހުގީގަށް ވެސް މިހާތަނަށް ފާހަގަކުރެވެނީ އެންމެފަހުން އެ ފަސްގަނޑުގަ ތަސްލީމް ހުރި ކަމަށް. ދެން އެހެން ނަމަވެސް އެއްވެސް ޕޮޒިބިލިޓީއެއް އޮތިއްޔާމުން އެކަންތައްތަކަށް ބާރު ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ނޭނގޭ މައުލޫމާތުތަކެއް ހުރީމަ މި ވަގުތުން ވަގުތަށް ވެސް މިސިން ޕާސަންއެއްގެ ގޮތަށް ޔެލޯ އެލާޓް ނެރަފަ އިނީ. އަޅުގަނޑުމެންނަށް މިހާތަނަށް ބެލިބެލުމުން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަކަށް ނެތް އަޅުގަނޑުމެންނަށް. އެކަން ބެލިން. އެހެންނަމަވެސް ޔެލޯ ނޯޓިސް ނެރުނީ މި ބުނި ސަބަބަށް އެކަން ފުރިހަމަ ކުރުމަށްޓަކައި" ޝިފާއު ވިދާޅުވިއެވެ.
ފުލުހުން އެ މައްސަލައިގެ ތަފްސީލު ދެމުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަސްލީމް ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކޮށް ފުލުހުންގެ ޑައިވިން ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ޑައިވިން ޓީމުން ވަނީ 943،998 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް ދަތުރު ދިއުމަށްޓަކައި މި ދަތުރުގެ ބައިވެރިން ފުރާފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދޭތެރޭ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށެވެ. އަދި މި ދަތުރު ގޮސްފައިވަނީ ތަސްލީމް ހިމެނޭހެން ޖުމުލަ 25 މީހުންނާއި ދެ ކުޑަކުދީން ކަމަށެވެ.
މިދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަން ދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށް ގޮސްފައިވާ ދަތުރެއް ކަމަށާއި މިދަތުރުގައި ތަސްލީމް ބައިވެރިފައިވަނީ ދަތުރު ރޭވި މީހުންގެ ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕާއި ލައިޓިންގެ ކަރަންޓް މަސައްކަތް ކުރުމަށް ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
"މީގެއިތުރުން، ފަސްގަނޑަށް ތަސްލީމް ހިމެނޭ ގްރޫޕް ދަތުރު ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރު ގޮސް ތިބިކަމާއި އޮގަސްޓް 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި 00:00 ގެ ފަހުން ތަސްލީމް ދަތުރު ދިޔަ މީހުން ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވެއެވެ. އަދި 30 ވަނަ ދުވަހުގެ ހެނދުނު ވަގުތުތަކުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ލިބިފައިވެއެވެ،" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަމަށާއި އޭގެ ކުރިން ތަސްލީމް މާލެ ދާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެއަށް ފުރި ލޯންޗެއްގައި ތަސްލީމް ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް ތަސްލީމްގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަސްލީމް މާލެ ނުދާ ކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތަސްލީމާ އެކު ދަތުރު ދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އަދި އެ ފަސްގަނޑަށް ދަތުރުދިޔަ އަނެއް ގްރޫޕްގެ 12 މީހަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ތަސްލީމްގެ ފޯނާއި ލެޕްޓޮޕް ތަހުލީލު ކުރަން ފަށާފައިވާ ކަމަށާއި ދަތުރުދިޔަ ދެ ލޯންޗް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ވަނީ ތަސްލީމްގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް ފުލުހުން ވަނީ އާއިލާއާ ހިއްސާކޮށްފައެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު