ދިވެހީންގެ ފަންނުވެރި އިގުތިސާދު ނުވަތަ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ހާއްސަ ސްކީމެއް ތައާރަފުކޮށް، ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހީންގެ ފަންނުވެރި އިގުތިސާދުގެ ސްޓްރެޓެޖީ އާއި ފަންޑު ވަނީ އިފްތިތާހުކޮށްފައެވެ. ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ)ގެ ދަށުން ކުރިއަށްގެންދާ ސްޓްރެޓެޖީ އާއި ފަންޑު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ފަންޑުގެ ދަށުން ރޭ ތައާރަފުކޮށްފައިވަނީ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިން ސްކީމެކެވެ. އެ ސްކީމު ފަރުމާ ކުރެވިފައިވަނީ އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ލިބުމުގެ ފުރުސަތު ބޮޑު، އުފެއްދުންތެރި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެ ސްކީމުގެ ދަށުން މިއަހަރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފިލްމު ހެދުމާއި މިއުޒިކް އުފެއްދުމާއި އާޓް އެންޑް ކްރާފްޓް މަސައްކަތްތަކުގެ އިތުރުން އެކި ދާއިރާތަކުން ކޮންޓެންޓް ކްރިއޭޓަރުން ކުރަމުންދާ މަސައްކަތްތަކާއި ހިންގަމުންދާ މަޝްރޫއުތަކަށެވެ.
އެ ސްކީމުގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމަށް އަންނަ މަހުގެ ދިހަވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްކީމުގެ ދަށުން 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އެހީތެރިކަން ހޯދުމަށް ހުށަހެޅޭނެ ކަމަށް ބީސީސީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު