ދިވެހީންގެ ފަންނުވެރި އިގުތިސާދު ނުވަތަ ކްރިއޭޓިވް އިކޮނޮމީގެ ސްޓްރެޓެޖީއާއި ފަންޑު އިފުތިހާހުކޮށްފިއެވެ.

ދިވެހީންގެ ފަންނުވެރި އިގުތިސާދުގެ ސްޓްރެޓެޖީ އާއި ފަންޑު އިފުތިތާހުކޮށްފައި ވަނީ އެކަމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފަންނުވެރި އިގުތިސާދުގެ ސްޓްރެޓެޖީ އާއި ފަންޑުގެ މަސައްކަތަކީ ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ)ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެ ރަސްމިއްޔާތުގައި ސްޓްރެޓެޖީއާއި ފަންޑު އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި ދިވެހި ލެންގުއާޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔާއު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ގިނަ ޒަމާންތަކެއް ވަންދެން ހުނަރުވެރި، ފަންނުވެރި ކްރިއޭޓިވް މަސައްކަތްތަކުގެ ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް، ހާއްސަކޮށް ޒުވާން މަސައްކަތްތެރީންނަށް އުންމީދުން ފުރިގެންވާ އެކްޝަން ޕްލޭނަކަށް ވެގެންދާނެ ކަމަށެވެ. އަދި ކްރިއޭޓިވް އިކޮނޮމިކް ފަންޑު ވެގެންދާނީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވޭ މުހިންމު ފުރުސަތަކަށް ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު އަހަރުގެ ދުވަހަށް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށްފައިވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެންނެވެ. އެ އެކްޝަން ޕްލޭންގައި 78 ވައުދަކާއެކު ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ދުރު ރާސްތާ ރޭވުންތަކެއް ވަނީ ހިމަނައިފައެވެ.

އެކްޝަން ޕްލޭނުގައި ހިމެނޭ ބައެއް ސްޓްރެޓެޖީތަކުގެ ތެރޭގައި ޓެކްނޮލޮޖީ އިންޓެގްރޭޝަން ޕްރޮމޯޓުކުރުމާއި ލީގަލް ފްރޭމްވޯކް ވަރުގަދަކުރުމާއި މާކެޓްކުރުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ފައިނޭންސާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން އަދި އިނޮވޭޝަންގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ބީސީސީން ބުނީ ކްރިއޭޓިވް އިކޮނޮމީގެ ފަންޑުގެ އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކޮށް ކުރިއެރުވުން ކަމަށެވެ. އަދި އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ފިލްމު ހެދުމާއި މިއުޒިކް އުފެއްދުމާއި ފެޝަން ޑިޒައިންކުރުމުގެ އިތުރުން އަދަބިއްޔާތާއި އަތްތެރި މަސައްކަތް ފަދަ އީޖާދީ އަދި ފަންނުވެރި މަސައްކަތްތަކުން މުޖުތަމައަށް ކުރާ އަސަރު ދެނެގަނެ، އެ ފަންޑުގެ ތެރެއިން ރާއްޖޭގެ ފަންނާނުންނަށާއި އުފެއްދުންތެރިންގެ އިތުރުން އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބުމުގެ މަގުތަނަވަސްވެގެން ދިއުން ކަމަށް ބުންޏެވެ.

އެ ފަންޑު ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރީންނަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ކަމަށާއި އެއާއެކު އުފެއްދުންތެރި މަޝްރޫއުތަކަށް އަމާޒުކޮށްގެން އެ ފަންޑުގެ ތެރެއިން ލުއިފަސޭހަ އަދި އީޖާދީ ފައިނޭންސިން ސްކީމުތަކެއް ތައާރަފު ކުރެވިގެންދާނެ ކަމަށްވެސް ބީސީސީން ބުންޏެވެ.

އެގޮތުން ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ތެރެއިން މިރޭ ތައާރަފުކޮށްފައިވަނީ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިން ސްކީމެކެވެ. އެ ސްކީމު ފަރުމާ ކޮށްފައިވަނީ އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ލިބުމުގެ ފުރުސަތު ބޮޑު، އުފެއްދުންތެރި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އަންނަ މަހުގެ ދިހަވަނަ ދުވަހު އެ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާއިރު، އެ ސްކީމުގެ ދަށުން 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދެއް ފައިސާގެ އެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.