ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.
ސްޓެލްކޯއިން މީޓަރުގެ ރީޑިން ނެގުމަކާ ނުލައި ކަރަންޓަށް ބިލްކުރާ ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުވައްޒަފުން ކުރަމުން އަންނަ އިހުލާސްތެރި މަސައްކަތް ކަމަށެވެ.
އެގޮތުން، ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައި ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކަކީ، ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަގީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިހުލާސްތެރި ހިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވަން." ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ މުވައްޒަފުންނަކީވެސް ކަސްޓަމަރުންނާ އެއް އުސޫލެއްގެ ދަށުން ރީޑިން ނަގައި، އެ ރީޑިންއަށް ބިލް ކުރެވޭ ބައެއް ކަމަށެވެ،
މީގެ އިތުރުން އެ ކުންފުނިން ބުނީ ރީޑިން ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު