ދުނިޔޭގެ އެންމެ ބޮޑު ބޭންކް، ޗައިނާގެ އިންޑަސްޓްރިއަކް ކޮމާޝަލް ބޭންކް (އައިސީބީސީ) ގެ ބްރާންޗެއް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީޖިން ޕިން އާއެކު ބޭއްވި މަޝްވަރާތަކުގައި ރާއްޖޭގައި އައިސީބީސީގެ ބްރާންޗެއް ގާއިމްކުރުމަށް ޝީ ހުށަހެޅުއްވި ކަމަށެވެ.
"އެ މަސައްކަތުގެ (ބޭންކްގެ ބްރާންޗެއް ގާއިމްކުރުމުގެ) ހަމަ ނެގޯޝިއޭޝަންސް ކުރިއަށްދޭ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެސް މިހާރު މި އޮތީ ނިމިފައި، ދެ ގައުމު އެއްބަސްވާ ވަގުތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކްޓިވޭޓް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނީސް ޕީލަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު ވަނީ ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެމްއޯޔޫއެއްގައި މި ފަހުން ސޮއިކޮށްފައެވެ. އެކަމުގެ ސަބަބުން، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އައިސީބީސީގައި 17،000 ޑޮމެސްޓިކް ބްރާންޗު ހުރި އިރު، އެ ބޭންކުން ދުނިޔޭގެ 41 ގައުމެއްގައި އޮޕްރޭޓް ކުރެއެވެ. އެ ބޭންކުގެ ޖުމްލަ އެސެޓުގެ އަގު 6.3 ޓްރިލިއަން ޑޮލަރަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު