ކުރީގެ ބާ ޖަމާލުއްދީން އެކީ ތަޅާލައި އެތަން ސާފު ކުރުމަށް ފަހު، އެތަނުގައި ޕާކެން ހަދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިއަދު "ވަން" އަށް ވިދާޅުވީ ބާ ޖަމާލުއްދިން ތަޅައި ސާފު ކުރުމަށް އެ ކައުންސިލުން އިކުއިޕްމަންޓާއި މުވައްޒަފުން ފޯރުކޮށްދިނުން ކަމަށެވެ.

އެ ތަނުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސީއެސްއާރުގެ ދަށުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިންޑް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އަދި ފެޑޯ އެމްވީ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"އެ ހިސާބު މީހުންނަށް ތިބެވޭނެ ހިތްފަސޭހަ މާހައުލެއް. ފާރު ބުރި ހަތަރު ފޫޓަށް ތިރިކޮށްލާފައި. ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް މި ބަލަނީ 45 ނުވަތަ 60 ތެރޭގައި. އެ ސަރަހައްދުގެ މީހުންނާ މަޝްވަރާކުރުމަށް ފަހު ތަން ތަރައްގީ ކުރަނީ. ފެޑޯގެ ސީއެސްއާރުގެ ދަށުން ބައެއް ކަންތައްތައް މިކުރަނީ. އެއްވެސް އަގެއް ދީގެނެއް ނޫން. ފްރީކޮށް ކުރާ ކަމެއް. ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި. ހަމައެކަނި އަޅުގަނޑުމެންގެ ވެހިކަލް އާއި މީހުން ސަޕްލައި ކޮށްދެނީ" މޭޔަރު ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ބާ ޖަމާލުއްދީން ތަރައްގީ ކުރަނީ ބާބަކިއު އޭރިއާއަކާއި ކުޅޭ ސަރަހައްދެއް ވެސް ހިމެނޭ ގޮތަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އިރު، "ގޮނޑު" ކަމަށް ފާހަގަކުރެްވޭ ތަންތަން ރީތިކޮށް ރައްޔިތުންގެ ހިތްހަމަ ޖެހޭ ގޮތަކަށް ރައްޔިތުންގެ މަޝްވަރާގެ މަތިން އެ ސަރަހައްދުތައް ތަރައްގީ ކުރުން ކަމަށެވެ.

"ވިލިމާލޭގައި ވެސް އާބާތުރަ ފިލުވަންޖެހޭ ވަރަށް ގިނަ ތަންތަން އެބަހުރި" އާޒިމް ވިދާޅުވިއެވެ.

އެ މަސައްކަތުގައި އަމަލީ ގޮތުންނާއި މާލީ ގޮތުން އެހީވެދޭ ފަރާތްތަކަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.