ރާއްޖެއަށް ދިމާވެފައިވާ މާލީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގައި އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ގައި އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ކުރިން ހަމަޖައްސަން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރަށް 2019 ވަނަ އަހަރު އިންޑިޔާ ސަރުކާރުން އެ ގައުމުގެ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު މެދުވެރިކޮށް ދިގު މުއްދަތުގެ ލޯނު ހޯދުމުގެ ފުރުސަތު ވެސް ރާއްޖެއަށް އެބަ އޮތް ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މަޝްހޫރު ވިޔަފާރި ނޫސް، ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި ރަސްމީ ސިފައެއްގައި އިންޑިޔާގެ މާލީ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ވެސް ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާމެދު އިންޑިޔާގެ ރިޒާވް ބޭންކާއެކު ފަންނީ މަޝްވަރާތައް ކޮށް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާއަށް ގޮސްފައިވާކަން ހާމަކޮށްފައެވެ.

ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން އިންޑިޔާގެ އޮފިޝަލުން ހާމަކުރައްވާފައިވާ އިރު، ކްރެޑިޓު ރޭޓިން ހަދާ ދެ އެޖެންސީ ކަމަށްވާ ފިޗް އަދި މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހީނަރުވުމެވެ.

ބްލޫމްބާގުން މިދިޔަ ހަފުތާގައި ރިޕޯޓުކުރި ގޮތުގައި ނިމުނު އޮގަސްޓު މަހު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުން ގޮސްފައިވަނީ 80 ސެންޓު ރޭޓު ގައެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުންދަނީ 66 ސެންޓު ގައެވެ. ބްލޫމްބާގުން ރިޕޯޓުކުރި ގޮތުގައި މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކެވެ.

ރާއްޖޭގެ ސުކޫކަށް އިންވެސްޓު ކުރި ފަރާތްތަކުން ސުކޫކް ވިއްކަން ފަށާފައިވަނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ ސަބަބުން ކަމަށް ބްލޫމްބާގުން ރިޕޯޓުކުރިއެވެ. ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރުބޮޑުވެފައިވާ ކަމަށް ބްލޫމްބާގުން ބުނެފައިވެއެވެ.

އަންނަ މަހު ސުކޫކުގެ ކޫޕަން ޕޭމަންޓް ދެއްކުމަށް ވެސް ބޮޑެތި ދަތިތައް ހުރެދާނެ ކަމަށް ބައިނަލްއަގުވާމީ މާލީ ކަންކަމާ ގުޅޭ އިދާރާތަކުން ބުނެފައިވީ ނަމަވެސް އަންނަ މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގެ ރިޒާވްގައި ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ.