ހުޅުމާލޭގައި ދުއްވި ސީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ޓޯކުރަން އުޅުމުން އެކަމަށް ހުރަސްއަޅައި، އެއްބާރުލުން ނުދިނުމުގެ މައްސަލައިގައި އެ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި/ ސިތުރާ، ހަސަން ސައީދު (38އ) އެވެ.

ފުލުހުން މިރޭ ބުނީ ރޭ ދަންވަރު ވެހިކަލް ޗެކިން ޕޮއިންޓެއް ޖަހައިގެން ހަރަކާތްތެރިވަމުން ދިޔައިރު ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވި އިރު، އެއީ ސީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށެވެ. އަދި ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްއެއް ނެތް ކަމަށްވެސް ބުންޏެވެ.

"ލައިސަންސް ނެތި ކާރު ދުއްވުމުން އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އެ ކާރު ޓޯކުރަން އުޅުމުން ފުލުހުންނަށް އެއްބާރުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.