ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ފަރާތުން، ފަލަސްތީނަށް ފޮނުވާ ދެ މިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް މިމަހު 15 ގައި ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ މިމަހު 15 ގައި ފޮނުވާ ފުރަތަމަ ޝިޕްމެންޓް ފަލަސްތީނަށް ލިބޭނީ 40 ދުވަސް ފަހުން ކަމަށެވެ. ދެ މިލިއަން މަސްދަޅު ފަލަސްތީނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ދެ ޝިޕްމެންޓަކަށް ބަހާލައިގެން ކަަމަށް ހީނާ ވިދާޅުވި އެވެ.
ފަލަސްތީނަށް މަސްދަޅުތައް ފޮނުވާނީ މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށާއި އޭގެ ފަހުން މިސްރުގެ ރެޑް ކްރެސެންޓުން ފަލަސްތީނުގެ ރެޑްކްރެސެންޓާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖެއިން ފަލަސްތީނަށް ދެމިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2023 އޮކްޓޫބާ 24 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްތީންގެ ރައްޔިތުން، އެބައި މީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައި މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެ ކަމަށެވެ. އެހެންވެ ރާއްޖޭގެ ފަރާތުން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު