ހުޅުމާލެ ފޭސް ދޭކުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން، އިމާރާތްނުކޮށް އޮންނަ ހުސްބިމެއްގައި ކާރެއް ރަޖިސްޓްރީ ކުރުމަށް އެދޭނަމަ ހުއްދަދެވޭނީ އެންމެ ކާރަކަށް ކަމަށް ކަނޑައަޅައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތްކުރުމުގެ އުސޫލު އާންމުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އާންމުކުރި އެ އުސޫލުގައި ބުނެފައިވަނީ، އެގޮތަށް ހުސް ބިމުގައި ރަޖިސްޓްރީ ކުރެވޭނީ ވެސް ހަމައެކަނި ގޯތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތާ އާއިލީގޮތުން ގުޅުން އޮންނަ ފަރާތެއްގެ ކާރު ކަމަށެވެ. އެގޮތަށް ހުސް ބިމުގައި ކާރު ބާއްވަން ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތަކީ ވެރިފަރާތް ނޫން ނަމަ، ވެރިފަރާތާ އާއިލީގޮތުން ގުޅުން އޮންނަ ފަރާތެއްކަން ސާބިރުކޮށްދެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގޯތީގައި އިމާރާތްކުރުމަށް އެދި ކުރެހުން ފާސްކުރަން ހުށަަހަޅާ އިރު، އެގޮތަށް ރަޖިސްޓްރީކުރަން ހުއްދަ ނެގި ކާރު ފާސްކުރަން ހުށަހަޅާ ކުރެހުމުގައި ހިމަނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އުސޫލުގައި ބުނެފައިވަނީ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތުގައި ގޯތީގެ އިމުގެ ތެރެއިން، ކާރު ޕާކު ކުރުމަށް 11.04 އަކަމީޓަރުގެ ޖާގައެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

ގޯތީގެ އޭރިއާ 150 އަކަމީޓަރާ ހަމައަށް ހުންނަ ގޯތިތަކުގައި ގަރާޖުގެ ގޮތުގައި މަދުވެގެން 11.04 މީޓަރު އޭރިއާއެއް، އެއް ޖާގައިގެ ގޮތުގައި އޮންނަންވާނެ ކަމަށާއި، ގޯތީގެ އޭރިއާގައި 150 އަކަމީޓަރު ހަމަވެ، އިތުރުވާ ކޮންމެ 150 އަކަމީޓަރަކަށް ކާރު ޕާކުކުރުމަށް 11.04 މީޓަރުގެ އޭރިއާއެއް ދޫކުރަންވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އިމާރާތުގައި އެއް ކާރަށްވުރެ ގިނަ ކާރު ރަޖިސްޓްރީ ކުރެވިދާނެ ކަމަށާއި، ނަމަވެސް ކާރު ޕާކުކުރުމަށް ކަނޑައަޅަންޖެހޭ ޖާގަ ކުރެހުމުގައި ދައްކަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އިމާރާތުގެ ކުރެހުމުގައި ދައްކާފައިވާ އަދަދަށްވުރެ ގިނަ ކާރު އެއް ގޯއްޗެއްގައި ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ކުރެހުން ފާސްކުރުމުގެ ހުއްދަ ދޫކުރާނީ އެ ގޯއްޗަކަށް ރަޖިސްޓްރީ ކޮށްފައިވާ އަދަދަށް ކާރު ޕާކިން ޖާގަ، ކުރެހުމުގައި ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ގޯތީގައި ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ގޯތީގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތާ އާއިލީގޮތުން ހުޅުން އޮންނަ ފަރާތްތަކުގެ ކާރުތައް ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.