ޑިޖިޓަލައިޒޭޝަނަކީ ރާއްޖޭގެ ގައުމީ ތަސައްވުރުގެ އަސާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި "ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް" ހުޅުވުމުގެ ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލި އަޅުވާލައްވައި ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން އެކަންކަމަށް ހޯދޭނެ ހައްލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލު ބައްޓަންވަމުން އަންނަ ގޮތް މިހާރުވެސް ފެނިވަޑައިގަންނަވާ ކަމަށާއި މި ކަމުން ދޭހަވަނީ ރާއްޖޭގެ މަދު ވަސީލަތްތައް މެނޭޖުކުރުމަށާއި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް މިހާރުވެސް ޑިޖިޓަލައިޒޭޝަން ބޭނުންކުރަމުން އަންނަކަން ކަމަށެވެ.

ޑިޖިޓަލައިޒޭޝަން ގެނައުމަކީ ހަމައެކަނި އިގުތިސޯދީ ކުރިއެރުންތައް އިތުރުކުރުން ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުވެސް މަތިކުރުން ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ އަމާޒަކީ ޑިޖިޓަލް ލިޓްރަސީއިން ރައްޔިތުން ބާރުވެރިކުރުވައި، ޓެކްނޮލޮޖީގެ ބޭނުން ހިފައި، އުފެއްދުންތެރިންނާއި އިނޮވޭޓަރުން ނެރުން ކަމަށް ވިދާޅުވިއެވެ.

"ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމް ފަދަ އިނިޝިއޭޓިވްސް މެދުވެރިކޮށް، ޑިޖިޓަލް އިގުތިސޯދުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދެމުން މިދަނީ. ހަމަ އެފަދައިން، އަޅުގަނޑުމެންގެ މުޖުތަމައުގެ މައިބަދަކަމުގައިވާ އަޅުގަނޑުމެންގެ އަންހެނުންނަށްވެސް މި ފުރުސަތުތައް ހަމަހަމަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމުގައި ޑިޖިޓަލައިޒޭޝަންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ކުރިއާލާ ނުރައްކާ ދެނެގަނެވޭނެ ސިސްޓަމްތަކާއި ސްމާޓް ޓެކްނޮލޮޖީތަކުގެ ސަބަބުން ދެމެހެއްޓެނިވި އަދި ހަރުދަނާ މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ، ޑިޖިޓަލް ޒަމާނަކުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދުނިޔޭގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ކެޕިޓަލް ނެތުން، އެހެންވެ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމުގައި އަޅުގަނޑު އިސްކޮށް އުޅުނީ. ޑިޖިޓަލް އިނޮވޭޝަން، ސަސްޓެއިނަބިލިޓީ އަދި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރުމަށް މި މުއައްސަސާއިން ފޯކަސް ކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އުންމީދުތައް ބޮޑު ކަމަށެވެ. އަދި އެ އުންމީދުތައް ހަގީގަތަކަށް ހެދޭނީ ދިވެހި ރައްޔިތުންގެ ސާބިތު އަޒުމާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކާމިޔާބީ މިނެކިރޭނީ ހަމައެކަނި ބޭނުންކުރާ ޓެކްނޮލޮޖީތަކުން ނޫން ކަމަށާއި ރަނގަޅު ކުރެވިފައިވާ ދިރިއުޅުމުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.