މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަކަށް ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާއެކު، މިދިޔަ އޯގަސްޓު މަހުގެ 30 ވާ ހުކުރު ދުވަހުގެ ހެނދުނު ދަތުރު ގޮސް އުޅެނިކޮށެވެ.
އެމްއެންޑީއެފްއިން މިއަދު "ވަން" އަށް ބުނީ ތަސްލީމް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ފިނޮޅު ވަށައިގެން 1,050,000 މީޓަރު ގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ޕޮލިސް މީޑިއާއިން މިއަދު "ވަން" އަށް ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެ މައްސަލާއާ ގުޅިގެން ސުވާލު ކުރި މީހުންގެ އަދަދު، މައްސަލައިގެ ބާވަތުންނާއި އެ ކަމުގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ބުންޏެވެ.
ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
ތަސްލީމް އެންމެ ފަހުން ފެނުނު ގޮތުގެ މައުލޫމާތު ދެމުން އޭނާގެ އާއިލާއިން ބުނީ އޭނާ ދަތުރު ދިޔަ ދުވަހުގެ 10:00 ހާއިރު އޭނާ ގެންދިޔަ ދަބަހާއި ފޯނު އެތަނުން އެކެއްގެ އަތަށް ދިނުމަށް ފަހު "އެބަ އަންނަން" ކަމަށް ބުނެފައި ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށް ކަމަށެވެ.
ފޯނު ދީފައި ދިޔައިރު ވެސް، ތަސްލީމްގެ ފުށުން ތަފާތު އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށް ދަތުރުދިޔަ މީހުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.
"އެތަނުން އެކަކު ބުނީ ތިމަންނަ އަތަށް ފޯނާއި ދަބަހާ ދީފަ ބުންޏޭ އެބަ އަންނަމޭ، ސޭންޑް ބޭންކަކީ ތަންކޮޅެއް ބޮޑު ތަނެއް، ތަންކޮޅެއް ދުރަށް ދިޔައީމަ ނުފެންނާނެ. ފާހާނާ ކުރަންވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި،" ތަސްލީމުގެ ދައްތަ ބުންޏެވެ.
ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ދަތުރު ދިޔަ، ތަސްލީމް ބައެއް ރައްޓެހިން ބުނިގޮތުގައި އޭގެ ފަހުން އޭނާ ފެނިފައެއް ނުވެއެވެ. އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައިނުވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު