ދެކުނު ކޮރެޔާއަކީ އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއްބާރެވެ. ވޯލްޑްކަޕްގެ ސެމީފައިނަލްގައި މިހާތަނަށް ކުޅުނު އޭޝިއާގެ ހަމައެކަނި ގައުމަކީވެސް ދެކުނު ކޮރެޔާއެވެ. ދެކުނު ކޮރެޔާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީފައިނަލްގައި ކުޅެފައެވެ. އަމިއްލަ ގައުމުގައި ކުޅެގެންނެވެ. ސެމީ ފައިނަލްގައި ޖަރުމަނާ ވާދަކޮށް އެކެއް ސުމަކުން ބަލިވިއެއް ކަމަކު ދެކުނު ކޮރެޔާ ވަނީ ފުޓްބޯޅައިގައި އޭޝިއާގެ ނަން ރަންއަކުރުން ލިޔެދީފައެވެ. އޭގެ ދެއަހަރު ފަހުން 2004 ވަނައަހަރުގެ މާރޗް އެއްތިރީސްވަނަ ދުވަހު ދެކުނު ކޮރެޔާގެ ފެންވަރު ހަމަލޮލުން އަމިއްލަ ގައުމުގައި ބަލައިލުމުގެ ފުރުސަތު ދިވެހީންނަށް ލިބުނެވެ. ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާ ދެކޮޅަށް ދެކުނު ކޮރެޔާ ވަނީ އެދުވަހު މާލޭގައި މެޗެއް ކުޅެފައެވެ. އެ މެޗު ކުޅުނީ ރޭގަނޑުވެސް މެޗު ކުޅެވޭގޮތަށް ދެކުނު ކޮރެޔާގެ އެހީގައި ބޮކި ހަރުކޮށްފައިވާ ގަލޮޅު ދަނޑުގައެވެ. ދެކުނު ކޮރެޔާގެ ޓީމު ރާއްޖެއައީ މުހިންމު ހުރިހާ ތަރިންވެސް ގޮވައިގެންނެވެ.
ދެކުނު ކޮރެޔާގެ އުންމީދަކީ އަދި އަމާޒަކީ ވީހާވެސް ގިނަ ލަނޑު ޖެހުމެވެ. އޭގެ މަދު އަހަރުތަކެއް ކުރިން އީރާނުން ރާއްޖެ ކޮޅަށް ޖެހި ސަތާރަ ގޯލަށްވުރެ ގިނައިން ޖަހައި އައު ރިކޯޑެއްވެސް ހެދުމުގެ އުންމީދުގައެވެ. މެޗު ކުޅެފިއެވެ. ދެކުނު ކޮރެޔާގެ ކޯޗަކީ ޕޯޗުގަލްގެ ހަމްބާރޓޯ ކުއެލޯއެވެ. މެޗު ނިމުނީ ސުމެއް ސުމަކުން އެއްވަރު ވެގެންނެވެ. ދިވެހި ގައުމީ ޓީވީން ލައިވްކޮށް މެޗު ދެއްކިއިރު ކޮމެންޓޭޓަރަކަށް އިނީ އަޅުގަނޑެވެ. އެރި ފޯރީގައި، ވީއުފަލަކުން، އަދި އަޑަށް ލެވުނު ބާރަކުން، އަޅުގަނޑުގެ އަޑުވެސް ފިސްފިސްވިއެވެ. އެވަރުގެ އުފަލެއް ދުވަހަކުވެސް ނުވެއެވެ. ގައުމަށްޓަކައެވެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ފުޓްބޯޅަ މިހާތަނަށް ދަތުރުކުރި އެންމެ މަތީ ހަރުފަތެވެ. ދެކުނު ކޮރެޔާއަށް އެއީ ގައުމީ ލަދެކެވެ. އެތަނުގެ ނޫސްތަކުގައި ލިޔުނެވެ. އެއީ ދެކުނު ކޮރެޔާގެ ފުޓްބޯޅައިގެ އެންމެ ކަޅު ދުވަހެވެ. އެންމެ އަޑިއަށް ސޮއްސައިލި ދުވަހެވެ. އެ ނަތީޖާއާ ގުޅިގެން ކޯޗު ހަމްބާރޓޯ ކުއެލޯގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.
ކޮންމެއަކަސް މިދެންނެވި ތާރީޚީ މެޗަށް ބަރާބަރު ވިހި އަހަރު ފަހުން ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު ކޮރެޔާ އާއި ފަލަސްތީނު ކުޅުނު މެޗުވެސް ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ނިމިގެންދިޔައީ ރާއްޖޭގެ މެޗުވެސް ނިމިގެންދިޔަ ގޮތަށެވެ. ސުމެއް ސުމަކުންނެވެ. މެޗު ކުޅުނީ ދެކުނު ކޮރެޔާގައެވެ. މެޗަކީ ވޯލްޑްކަޕް ކޮލިފައިން އޭޝިއާ ޒޯނުގެ ތިންވަނަ ބުރުގެ މެޗެކެވެ. ފަލަސްތީނުގެ ހާލަތު މިވަގުތު އޮތްގޮތުން އަދި ފަލަސްތީނަށް ކުރެވޭ ތާއީދަކާއި ވެވޭ ހަމްދަރުދީއެއްގެ ބޮޑުކަމުން މިމެޗުގައި ވާނުވާއެއް ބެލުމުގެ ޝައުގުވެރިކަމުގައި އަޅުގަނޑު ދިޔައީ މެޗުގެ އޮއިވަރު ފޮލޯކުރަމުންނެވެ. މެޗު ނިމުމާއެކު އަޅުގަނޑުގެ ހަނދާނަށް އައީ އޭގެ ވިހި އަހަރު ކުރިން މާލޭގައި ކުޅުނު މެޗެވެ. އެހެންވީމާ މި ލިޔުން ފަށަމުން އެ މެޗުގެ ހަނދާންތައް އައުކުރީއެވެ. އެވަރަކުން އެ މެޗު ފޮލޯކުރުމުގެ ސަބަބަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ތާއީދުކުރާ މަދު ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެޔާ ހިމެނޭތީއެވެ.
ފަލަސްތީނުގެ ކުޅުންތެރިން ދެކުނު ކޮރެޔާއަށް އެތެރެވުމުގެ ވިސާދޭންވެސް ހަގީގަތުގައި ދެކުނު ކޮރެޔާ ބޭނުމެއް ނުވެއެވެ. ވަކި ގައުމެއްގެ ގޮތުގައި ފަލަސްތީނުގެ ޓީމެއް ދެކުނު ކޮރެޔާގެ ފަސްގަނޑުގައި ކުޅެންވެސް ބޭނުމެއް ނުވެއެވެ. އެކަމަކު ފަލަސްތީނަކީ މިހާރު އޭއެފްސީއާއި ފީފާގެ މެންބަރަކަށްވެފައި އޭޝިއާ ޒޯނުގެ ތިންވަނަ ބުރަށް ފަލަސްތީނު ހޮވިފައިވާތީ ފަލަސްތީނުގެ ޓީމަށް މަރުހަބާ ކިޔުން ނޫންގޮތެއް ދެކުނު ކޮރެޔާއަކަށް ނެތެވެ. މި މެޗަށް ދެކުނު ކޮރެޔާއިން ނެރުނީ މިވަގުތަށް ނެރެވޭންއޮތް އެންމެ ވަރުގަދަ ޓީމެވެ. ކެޕްޓަނަކީ އިންގްލެންޑުގެ ޓޮޓެންހަމްގެ ފޯވާޑް ސޮންއެވެ. ދެކުނު ކޮރެޔާގެ އުންމީދަކީ މަދުވެގެން ދެއަކުރުގެ އަދަދަކުން ސްކޯރ ކުރުމެވެ. އެކަމަކު އެހެނެއް ނުވިއެވެ. މޮޅުނުވެ އެއްވަރުވީއެވެ. ދެކުނު ކޮރެޔާ ބަލިނުވެ ސަލާމަތްވީ ހަމަ ނަސީބަކުންނެވެ. ފަލަސްތީނު މޮޅުނުވީ އެ ޓީމުގެ ނަސީބު ދެރަކަމުންނެވެ. ދެތިން ގޯލުގެ ފަރަގުން މޮޅުވެގެން ނިންމައިލެވޭ ވަރަށް ފަލަސްތީނަށް ފުރުސަތުވެސް ލިބުނެވެ.
ކޮންމެއަކަސް މި ނަތީޖާ ވެގެންދިޔައީ އަނެއްކާވެސް ދެކުނު ކޮރެޔާގެ ބޮޑު ލަދަކަށެވެ. ސަޕޯޓަރުން ވަނީ ކޯޗު ހޮންގް މިއުންގް ބޯއާ ދިމާކޮށްލައިފައެވެ. މީޑިއާވެސް ވަނީ އޭނާގެ ބޮލަށް ގޮވަން ފަށައިފައެވެ. އޭނާއަކީ މީގެ ބާވީސް އަހަރު ކުރިން ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދެކުނު ކޮރެޔާ ގެންގޮސްދިން ކެޕްޓަންކަން ހަނދާނެއްވެސް ނެތެވެ. މިވަގުތު ހަނދާނުގައިހުރީ ފުޓްބޯޅަ ކުޅޭނެ ދަނޑެއް، ކުލަބެއް، އިދާރާއެއްނެތް ފަލަސްތީނު އަތުން މޮޅުނުވިކަމެވެ. ލަދުގަންނަނީ އެކަމާއެވެ. އަނެއްކޮޅުން ފަލަސްތީނަށް މިއީ ތާރީޚީ ނަތީޖާއެކެވެ. ފަލަސްތީނުގެ ކުޅުންތެރިން ކުޅުނީ ގައުމީ އަދި ވަތަނީ ޖޯޝުގައެވެ. ފަލަސްތީނުގެ ނަން ބައިނަލްއަގުވާމީ މައިދާނުގައި ދިރުވުމުގެ ރޫހުގައެވެ. ގާޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ކިޔައިދިނުމުގައިވެސް މިހާރު އެއްވަސީލަތަކީ ފުޓްބޯޅައެވެ. ފަލަސްތީނުގެ ނަން މީސްތަކުން ހަނދާންކުރަން އޮތް ވަސީލަތަކީވެސް ފުޓްބޯޅައެވެ. ފަލަސްތީނަކީ ގައުމެއްކަން ދުނިޔެއަށް އެންގުމުގެ އެއް ވަސީލަތަކީވެސް ފުޓްބޯޅައެވެ.
ހަމަގައިމުވެސް ފަލަސްތީނަކީ އޮތްތަނެއް ކަމާއި ފަލަސްތީނުގެ ގައުމިއްޔަތުވެސް ދިރިއޮތްކަން ދެކުނު ކޮރެޔާގެ ރައްޔިތުން މިހާރު ގަބޫލުކޮށްފިއެވެ. ފީފާގެ ރޭންކިންގެ ސާދަވަނައިގައިވާ ދެކުނު ކޮރެޔާއަށް ހަމަ އެރޭންކިންގެ 96 ވަނައިގައިވާ ފަލަސްތީނުން އެދިނީ ވަރަށް ރަގަޅު ފިލާވަޅެކެވެ. ހަނދާނުން ފިލައިގެންނުދާ ވަރުގެ ފިލާވަޅެކެވެ. އޭޝިއާގެ ފުޓްބޯޅައިގައި ފަލަސްތީނުގެ ދިދަ ވިހުރުވޭތާ އަދި ގިނަދުވަސްތަކެއް ނުވެއެވެ. މިއަހަރަކީ ފަލަސްތީނުގެ ފުޓްބޯޅައިގެ ދުވެލި އެންމެ ބާރު އަހަރެވެ. ފަލަސްތީނު ވަނީ އޭޝިއަން ކަޕްގެ ނޮކައުޓް ބުރުގައިވެސް މިއަހަރު މުޅިން އަލަށް ކުޅެފައެވެ. ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައިވެސް ފަލަސްތީނު އެކުޅެނީ މިއަހަރު މުޅިން އަލަށެވެ. މިފަހަރު ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި ފަލަސްތީނު އެކުޅުނު ކުޅުމަށް ރިއާޔަތްކުރާއިރު މެދުއިރުމަތީގެ ކޮންމެވެސް ތަނެއްގައި ކުޅެންޖެހޭ ރިޓަރން ލެގު ފަލަސްތީނު ކާމިޔާބުކުރާނެ ކަމުގެ އުންމީދު ބޮޑެވެ. އިޒްރޭލުގެ ނުހޮރުއްޕާނާހެދި އެ މެޗު ގާޒާގައި ނުވަތަ ހުޅަނގު އައްސޭރީގައި ނުކުޅެވޭނެއެވެ. އެހެންވީމާ ފަލަސްތީނުގެ ހޯމް މެޗުތައް ކުޅެންޖެހެނީ ޖޯޑަން ނުވަތަ ގަތަރާއި އެމިރޭޓްސްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު