ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ ވަނަވަރުވެސް ވަނީ ފުލުހުން އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ވައިލެޓްފެހި، ސ. ހިތަދޫ، މުހައްމަދު ވިސާމު ސިދުގީ، 26އ. އެވެ. އޭނާ އަތުގައި ލައިސަންސް ނެތްކަން ވެސް އެނގިފައިވެއެވެ.

ފުލުހުން މިއަދު ހަވީރު ބުނީ ވިސާމު ސިދުގީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

އޭނާއަކީ ލ. އިސްދުއަށް ނިސްބަތްވާ، ހަސަން ސަމާހްއެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެއްކަން އެނގިފައިވެއެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ. އެގޮތުން އޭނާގެ މޫނު މަށަވައިގެން ގޮސް ބޮލަށްވެސް ވަނީ އަނިޔާ ލިބިފައެވެ.