ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަތުގައި ލައިސަންސް ނެތްކަން އެނގިފައިވެއެވެ.
އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ ލ. އިސްދުއަށް ނިސްބަތްވާ، ހަސަން ސަމާހްއެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެއްކަން އެނގިފައިވެއެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ. އެގޮތުން އޭނާގެ މޫނު މަށަވައިގެން ގޮސް ބޮލަށްވެސް ވަނީ އަނިޔާ ލިބިފައެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދު ކޯޑައުންކޮށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު