އެ ތަނެއްގެ ބާރާއި ނުފޫޒު އޮންނާނީ އެ ތަނެއްގެ ރިސޯސްތައް ކޮންޓްރޯލްކުރާ ބައެއްގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށް މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަންޖެހޭ ކަމަށާއި މަސައްކަތްތެރިކަން ބިނާވެފައި އޮންނަނީ ވަޒަންވެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ތަނެއްގައި ދިރިއުޅުނު ނަމަވެސް އެ ތަނެއްގެ ރިސޯސްތައް އެބައެއްގެ އަތް މައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"އަންނަ އޮތް ޖީލުތަކަކީ މި ޖީލަށް ވަޒަންވެރި ޖީލުތަކަކަށް ހެދުން ކިތަންމެހާވެސް މުހިންމު. މި ނުކުތާގައި ވަޒަންވެރިކަމޭ އަޅުގަނޑު މި ދަންނަވަނީ ހަމައެެކަނި ބޯހިޔާވަހިކަމަކަށް ނޫން، ވަޒަންވެރިކަމޭ މި ދަންނަވަނީ ދިރިއުޅުމުގެ މަސައްކަތްތެރިކަމާއެކު ވަޒަނެއްގައި ދިރިއުޅުމަށް. ސަބަބަކީ ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ އެ ތަނެއްގައި މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް. ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުގެ ތެރެއިން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ދުރު އެކި ޒަމާންތަކަށް ބަލާއިރު ތާރީހު އަބަދުވެސް ދައްކައިދީފައި އޮތީ، ރާއްޖެއަށް ފާރަލާ ބޭރުގެ ލޯތަކެއްވާކަމާއި ދިވެހީންނަށް ގޯނާކުރާ ބޭރުގެ އަތްތަކެއްވާކަން ކަމަށާއި އެކަން ބޮޑުރަސްގެފާނު މާލެ ވަށައި ރޭނުއްވި ބޮޑު ފާރުންނާއި މާލޭގެ އެކި ހިސާބުތަކުގައި ބިނާކުރެއްވި ބަޑި ބުރުތަކުން ސާބިތުވާ ކަމަށެވެ. އަދި އަމިއްލަވަންތަކަމަށް ލޯބި ނުކުރެވޭ ނަމަ މިނިވަންކަމަށް ލޯބިނުކުރެވޭނެ ކަމަށާއި އަމިއްލަވަންތަކަން ދިފާއުނުކުރެވޭ ނަމަ، މިނިވަންކަން ދިފާއު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.