ކަސިޔާރު ފިކުރީ ރާޅުތަކުން ދިވެހީންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ މީހުން ސަލާމަތްކުރުން ކަމަށެވެ. އެގޮތުން ގައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގާ ދީނާ ހިލާފު، ގައުމާ ދެކޮޅު، މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު ކަންކަން ހުންނަ ކަމަށާއި އެ ކަންކަމުން ބޮޑެތި ފިކުރީ ކާރިސާތައް އައިސް ގައުމުތައް އެފުށް މިފުށަށް ޖެހެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެފަދަ ކަންކަމުގެ އެންމެ ފުނުގައި ހުންނަނީ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރުވެރިވާން އެކަށައަޅައިފައި ހުންނަ އެޖެންޑާތައް ކަމަށާއި އެ ކަންކަން ތަންފީޒު ވެގެންދާއިރު، އޭގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

"އެންމެ ބޮޑު ނުރައްކަލަކީ މިއީ ފިކުރުތަކެއް. ލޮލަށް ނުފެންނަ އޮއިވަރުތަކެއް. އެހެންކަމުން މިފަދަ އޮއިވަރުތަކުގައި ޅަޖީލުތައް ބެހިގެންދާއިރު، އެހެން އެކަން ވާކަން އިހުސާސް ކުރެވޭނީ ވަރަށް މަދު ބަޔަކަށް. މިފަދަ އޮއިވަރުތަކުގައި ގައުމުގެ ދީނަށް ހަމަލާދެވޭ. ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑު ކޮށްލެވޭ. އެކަމަށްޓަކައި އެ ތަނެއްގެ ގަދަރުވެރީންނާއި ދީނުގެ އިލްމުވެރީންގެ އަގުވައްޓާލެވޭ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކުވެސް އިސްނަގަންޖެހޭ ކަމަށެވެ. އަދި މި ރާއްޖެއަކީ ދީނަށް ލޯބިކުރާ، އިހުގައި ގެންގުޅުނު މާތް ސިފަތައް އަށަގެންފައިވާ ގައުމެއްގެ ގޮތުގައި ދެކެން ބޭނުންވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.