ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު، ސިނަމާލެ ބުރިޖުގެ މަޝްރޫއު ހަގީގަތަކަށްވެ އެ ބުރިޖު އެޅިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލުނުކުރައްވާ ކަމަށް އެ މަނިކުފާނުގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބުރިޖުން ލޭނުތަކެއް މަދުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަަމަށް ރައީސް މުއިއްޒު އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. ބުރިޖުގެ ލޭނުތަކެއް މަދު ކަމަށް ބުނެ ރައީސް މުއިއްޒަށް ފާޑު ކިޔުން އަމާޒުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އަބްދުއްރަހީމް ވިދާޅުވެފައިވަނީ ބުރިޖު ލޭނެއް މަދުވެފައިވާ ކަމަށް ވިދާޅުވެ ޔާމީން ވަނީ ރައީސް ކީރިތި ކުރައްވަންދެން "ބަވާލައިފައި" ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ކީރިތި ކުރެއްވުނީ ބުރިޖު ހުޅުވުން ކެންސަލް ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ ބުރިޖު ހުޅުވަން ހަފުތާއަކަށް ވެފައިވަނިކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަދީބު ރޭ ފޭސްބުކުގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބުރިޖުގެ މަޝްރޫއާ ގުޅޭ މަޝްވަރާތަކުގައި އުޅުއްވީ އޭނާ ކަމަށެވެ. އެ މަޝްރޫއުގެ ޕްލޭނިން ސްޓޭޖުގައި ޔާމީންގެ އެއްބާރުލުން ލިބިފައިވަނީ ވަރަށް ކުޑަކޮށް ކަމަށްވެސް އަދީބު ވިދާޅުވި އެވެ. ބައްދަލުވުންތަކުގައި ވެސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ ވަރަށް އުނދަގުލުން ވަރަށް ގިނަފަހަރު އެދިވަޑައިގަތުމުން ކަމަށެވެ. އެހެންވެ ބުރިޖު މަޝްރޫއުގައި ޔާމީންގެ ބައިވެރިވެވަޑައިގަތުމެއް މާބޮޑަކަށް ނޯންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"ޔާމީންވެސް ގަބޫލެއް ނުކުރައްވާ ބުރިޖް އެޅޭނެ ކަމަކަށް، ވަރަށް ގިނަބަޔަކު ގަބޫލު ނުކުރޭ ބްރިޖް އެޅޭނެ ކަމަކަށް، މިއީ ޔަގީން ކަމެކޭ އަޅުގަނޑު ދަންނަވަމުންދިޔައިން، އެތެރޭގައި ތިބި ބައެއް މިނިސްޓަރުންވެސް ގަބޫލު ނުކުރައްވާ" އަދީބު ވިދާޅުވި އެވެ.

"ކޮންމެ ކަމެއްގައިވެސް ޔާމީން ވިދާޅުވަނީ، އަދީބު ކުރިއަށްގެންދާށޭ، މިސާލަކަށް ޗައިނާ ރައީސްގެ އަރިހުގައި އޭތި ޖަސްޓިފައި ކުރަން ބުނީމަވެސް، ޔާމީން ބުނަނީ އަދީބު ޖަސްޓިފައިކޮށްދޭށޭ."

ބުރިޖުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވެސް އޭނާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރާއި ވާހަކަދައްކަން ނިންމިއިރު ޔާމީން އުޅުއްވީ ތާސް ކުޅުމުގައާއި ސިންގަޕޫރުގައި ވިޔަފާރިކުރަން ކަމަށެވެ.

ބުރިޖުގެ މަޝްރޫއު ހަގީގަތަކަށް ވެދާނެ ކަމަށް ގަބޫލުކުރެއްވި މަދު މިނިސްޓަރުންގެ ތެރޭގައި އެއިރުގެ ހައުސިން މިނިސްޓަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ. ބުރިޖު މަޝްރޫއުގައި ރައީސް މުއިއްޒު ބައިވެރިކުރުވަން ޖެހޭނެ ކަމަށް އެއިރު ވެސް ޔާމީނަށް ދެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އެއީ ބުރިޖު މަޝްރޫއު ތަންފީޒު ކުރެއްވޭނީ ރައީސް މުއިއްޒަށް ވުމުން ކަމަށް އަދީބު ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖު މިހާރު އެއޮތީ އެއިރު އިކޮނޮމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް ކަމަށް އަދީބު ވިދާޅުވި އެވެ. އެގޮތުން ބްރިޖާއި، ފީސިބިލީޓީ އާއި އޭގެ ބޯހޯލް ސްޓަޑީއަކީ ބަދަލު ކުުރެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

"މިހާރު އެންމެ ކޮންފިއުޒް ވެގެން މި އުޅެނީ ބައިސްކަލް އަދި ޖޮގިން ލޭން، އެއީ އެއް ލޭނެއް، އެތާގައި ޖޮގް ކުރާނެ ކަން ނިންމާފައި އޮތީ ޔާމީން، ބައިސްކަލް ދުއްވަން ނުޖެހޭކަމަށާއި، އެއީ ޔާމީން ޑިޒިޝަނެއް، މިއަދު ޔާމީން ހަނދުމަފުޅު ނުހުންނަނީ" އަދީބު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު، އެ މަނިކުފާނު ވަނީ ޔާމީނާ ގުޅުން އޮތް ގޭންގެއްގެ ޕާކެއް ބަންދުކޮށްފައި ކަމަށާއީ އެއީ އެ ޕާކުގައި ހިނގައި ދިޔަ މަރެއްގެ މައްސަލައާ ގުޅިގެން، ޕާކު ބަންދުކުރަން ނިންމީ ކަމަށް އަދީބު ވިދާޅުވި އެވެ.

އެ ޕާކު ބަންދުކުރުމުގެ ސަބަބުން ޔާމީން ރައީސް މުއިއްޒު ދެކެ އެހާ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ. ޔާމީންގެ ސަރުކާރުގައި ރައީސް މުއިއްޒު، ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އެމްޑީއޭގެ ފަރާތުން ހުށަހެޅުމުގެ ސަބަބުން ކަމަށާއި އެހެންނޫނީ ރައީސް މުއިއްޒަށް އެ މަގާމު ނުދޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.