ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ނިމުމަކަށް ގެނައީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އިސްވެ ހުންނަވައިިގެން ކަމަށް، ރައީސް ޔާމީންގެ ދެވަނަ ނައީބު ރައީސް އަހުމްދު އަދީބު އަބްދުލްގަފޫރު ތުހުމަތު ކުރައްވައިފިއެވެ.

އަދީބު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނު ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ އޭރުގެ ނާއިބު ރައީސް އަދީބު ގެންނަން އުޅުއްވި ބަގާވާތެއް ކަމަށް ތުހުމަތު ކުރައްްވައި ރައީސް ޔާމީންގެ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާއެއްގައި ޑރ. ޖަމީލު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އަދީބު ވިދާޅުވީ، ޑރ. ޖަމީލު އެކަން ކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް، އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައި އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ރައީސަކަށް ހުންނަވައިގެން ކަމަށެވެ. އޭގެ އެޑްވައިޒަރަކަށް ހުންނެވީ އަދީބެވެ. ނަމަވެސް އޭނާ އޭރު ހުންނެވީ ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކޮށް ޖަލުގައެވެ.

"2015 ވަނަ އަހަރު އަޅުގަނޑު ހުރަގޭގައި އޮއްވާ، އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އަޅުގަނޑު ލައިގެން، އެހަރަކާތުގެ ރައީސަކަށް ހުންނަވައިގެން ނޫންތޯ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ،" އަދީބު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ތިން ނާއިބު ރައީސުން ތިއްބެވިއެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރަނިންމޭޓެއްގެ ގޮތުގައި ހުންނެވީ ޑރ. ޖަމީލެވެ. ނަމަސް ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން 21 ޖުލައި 2015 ގައި ޑރ. ޖަމީލުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ނައިބު ރައީސްގެ މަގާމުން ދުރުކުރިއެވެ. އެއަށްފަހު ނައިބު ރައީސްކަމުގެ މަގާމަށް ގެންނެވީ އަދީބެވެ. ނަމަވެސް ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި، އޭނާ މަގާމުން ވަކިކުރެއްވުމަށްފަހު، ނައިބު ރައީސްގެ މަގާމަށް ދެން އައްޔަން ކުރެއްވީ އަބްދުﷲ ޖިހާދެވެ.