ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް، ޓްރީ ޓޮޕް ހޮސްޕިޓަލްގައިވެސް ހިދުމަތްދެއްވަން ފައްޓަވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ދިހަ ވަރަކަށް އަހަރު މަސައްކަތްކުރެއްވުމަށްފަހު އައިޖީއެމްއެޗަށް ނިޔާފް ބަދަލުވެލެއްވީ މިދިޔަ މަހުގެ ތެރޭގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އައިޖީއެމްއެޗުގައި ހިދުމަތް ދެއްވަމުންވެސް، ބައެއް ވަގުތުތަކުގައި ޓްރީ ޓޮޕްގައި ޑރ. ނިޔާފް ހިދުމަތްދެއްވާނެ ކަމަށެވެ. އެގޮތުން ސިކުނޑިއަށް ލޭފޮނުވުމުގައި ދިމާވާ މައްސަލަތަަކަށް ޓްރީ ޓޮޕްގައި ފަރުވާދިނުމަށް ހަމަޖެހިފައިވަނީ ނިޔާފްގެ އިރުޝާދުގެ ދަށުން ކަމަށް ބުންޏެވެ.

ނިޔާފް ވަނީ އެމެރިކާ އާއި ރަޝިއާ އަދި އިންޑިއާ އާއި ބްރެޒިލްގެ އިތުރުން ނޭޕާލުންވެސް ތައުލީމާއި ތަމްރީނު ހާސިލުކުރައްވައިފައެވެ. އޭނާ ވަނީ ނިއުރޮލޮޖީއާ ގުޅޭ އެކި ދިރާސާތައްވެސް ހައްދަވައިފައެވެ.