22 މީހުންނާއެކު ގެއްލުނު ރަޝިޔާގެ ހެލިކޮޕްޓަރު ފެނިއްޖެއެވެ.

ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދުގައި ހުންނަ އަލިފާން ފަރުބަދައެއް ހިމެނޭ ސަރަހައްދަށް ހޮނިހިރު ދުވަހު ދަތުރުކުރި އެ ހެލިކޮޕްޓަރު ގެއްލުމާއެކު ރަޝިޔާގެ ކަމާބެހޭ އިދާރާތައް ގުޅިގެން ވަނީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

22 މީހުންނާއެކު ދަތުރުކުރި އެ ހެލިކޮޕްޓަރު އާދިއްތަ ދުވަހު ފެނިފައިވާއިރު އޮފިޝަލުން ވަނީ ހެލިކޮޕްޓަރު ވެއްޓިފައިވާކަމަށާއި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާކަމަށް ބުނެފައެވެ.

އެމްއައި-8ޓީ މަރުކާގެ އެ ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދަކީ ފުސް ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ވައިގެ މަގުން ދުއްވުމަށް ރައްކާތެރި ނޫން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ފްލައިޓުން ދަތުރުކުރި 22 މީހުންގެ ތެރެއިން 17 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެ ތަހުގީގުގައި ބައިވެރިވުމަށް އެކްސްޕާޓުންގެ ޓީމެއް އެސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.