އިންވެސްޓަރުންނަށް ރެޒިޑެންސީ ނުވަތަ ރަށްވެހިކަން ލިބިދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން ވަނީ ރައީސްގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރާއްޖޭގެ އިގުތިސޯދާ ގުޅުންހުރި މުހިއްމު އެތައް ކަމަކާ މަޝްވަރާކުރަން ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ވަރަށް ތަފާތު އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ޕްރޮގްރާމަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކުދި ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، ދުބާއީ ސިންގަޕޫރު ފަދަ ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، އިގުތިސޯދު ޑައިވަސިފައި ކުރުމަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމެއް ތައާރަފުކުރުން، މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުން،" ރައީސް ވިދާޅުވި އެވެ.

އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ނުވަތަ ގޯލްޑެން ވިސާ ޕްރޮގްރާމަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދިގު މުއްދަތުގެ ރެޒިޑެންސީ ވިސާއެއް ދިނުމެވެ.

މިއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދަ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިގުމުއްދަތަށް ރިސޯޓުތަކުގެ ވިލާއެއް ނުވަތަ އެފަދަ އެޕާޓްމެންޓެއް ގަތުމުން ރެސިޑެންސް ވިސާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން ވިސްނިއެވެ. ނަމަވެސް އެކަން ފެށިފައެއް ނުވެއެވެ.