ރަޝިޔާގެ ހެލިކޮޕްޓަރެއް 22 މީހުންނާއެކު ގެއްލިއްޖެއެވެ.

ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދުގައި ހުންނަ އަލިފާން ފަރުބަދައެއް ހިމެނޭ ސަރަހައްދަށް ދަތުރުކުރި އެ ހެލިކޮޕްޓަރުގައި 19 ފަސިންޖަރުންނާއި ތިން ފަޅުވެރީން ދަތުރުކުރިކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ ގެއްލުނު އެމްއައި-8ޓީ މަރުކާގެ އެ ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދަކީ ފުސް ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ވައިގެ މަގުން ދުއްވުމަށް ރައްކާތެރި ނޫން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ގެއްލުުނު ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ ކުންފުނިން ވަނީ އެ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް މައްސަލައެއް ދިމާވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް ބުނެފައެވެ.

ހެލިކޮޕްޓަރު ގެއްލުނު ސަރަހައްދު ބެލުމަށް ރެސްކިއު ހެލިކޮޕްޓަރެއް ފޮނުވައި އޮޕަރޭޝަން ވަނީ ފަށާފައެވެ. މީގެ އިތުރުން އެއްގަމުމަގުންވެސް ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.

ހެލިކޮޕްޓަރު ގެއްލުނު ހާދިސާ ތަހުގީގު ފަށާފައިވާކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.