ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކްރޮސްރޯޑް މޯލްޑިވްސް އިން ވަޒީފާ ހޯދައިދިނުމަށް ޖެންޑާ މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

ޖެންޑާއިން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިޖުތިމާއީ ހަމަޖެހުން ގާއިމްކުރުމާއި އާއިލީ ތަރައްގީއަށް ކުރާ ތަފާތު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ކްރޮސްރޯޑްސް މޯލްޑިވްސްގެ އިސްވެރިންނާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ކްރޮސްރޯޑްސް މޯލްޑިވްސްގެ އިސްވެރިންގެ ފަރާތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ވަޒީފާއަށް ނުކުތުމަށް ތައްޔާރުވާ ކުދިންނަށް އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޝްވަރާތައް ކޮށްފައި ކަމަށް ޖެންޑާއިން ބުންޏެވެ.

އޭގެ އިތުރުން، އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމަށް ޖެންޑާ އިން ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ކްރޮސްރޯޑްސް މޯލްޑިވްސްގެ އިސްވެރިން ދީފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވާ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ޖެންޑާއިން ކުރަމުންގެންދާ މަސައްކަތްތަކުގައި ކްރޮސްރޯޑްގެ ޓީމުން އަބަދުވެސް ދެމުންދާ އެއްބާރުލުމަށް ޖެންޑާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.