މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނު ކުރި މީހާ ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ.

އަންހެން މީހެއް ރަހީނު ކުރި ހާދިސާގައި، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫއެވެ.

އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަތުހަރަށް އަނިޔާވީ، އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުންނެވެ. ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި އެޑްމިޓް ރޭގެ ވަގުތެއްގައެވެ.

"ވަން" އަށް މިއަދު މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އަންހެނަކު ރަހީނު ކުރި ފިރިހެން މީހާ ހައްޔަރުކުރުމަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ދެވަނަ ފަހަރު ފަރުވާ ދިނުމަށްފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އަތުހަރަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ފުލުހުންގެ ހައްޔަރަށް ގެނެސްފައިވާ ކަމަށެވެ.