ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންގެވިގޮތަށް "ޕްލޭން ސީ"ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީ ސެނެޓަރުންގެ އެދުމުގެ މަތިން ކަމަށާއި އޭގެ ކުރިން އެ ހިޔާލު ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަންގުޓީވީ"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ، ޕީއެންއެފްގެ ޖަލްސާތަކުގައި ޕީއެންސީގެ ޓިކެޓާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ. އެ ޖަލްސާތަކުގައި ޔާމީން ތުހުމަތުކުރައްވާ ގޮތުގައި ރައީސް މުއިއްޒު ރިޔާސީ ޓިކެޓަށް މާކުރީއްސުރެ މަސައްކަތްކުރައްވަމުން ގެންދެވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް އިރެއްގައި ޔާމީން ވިދާޅުވި ގޮތް ނޫން އެހެން އެއްވެސް ގޮތަކަށް އަމަލުކުރައްވާފައި ނުވާނެ ކަމަށާއި ޔާމީން އެ ދައްކަވަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

"ޕްލޭން ސީގެ އޮޕްޝަނަށް އަޅުގަނޑު ގާތުގައި ވަރަށް ގިނަ ސެނެޓަރުން އެދިގެން ކުރިމަތިލީ. އެއީ އަޅުގަނޑު ކުރިހާ ވެސް ކަމަކީ. ދެން ޕްލޭން އޭ އަކީ އެމަނިކުފާނު، އެ ޕްލޭންގެ ދަށުން އެމަނިކުފާނަށް ކުރިމަތިނުލެވުނީ. ޕްލޭން ބީ އަކަށް ވަގުތެއް ނެތް، އެއީ އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓުން ހުކުމްކުރީމަ ވަގުތު ނެތުމާއެކީގައި ދެން ޕްލޭން ސީގެ ދަށުން ކުރިމަތިލާން އެމަނިކުފާނުގެ ނޯޓު އޮތްގޮތަށް އަޅުގަނޑުމެން ކުރިއަށްދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ކަންކަން ކުރައްވަމުން ގެންދެވީ ޖަލުގައި ހުންނަވައި ފޮނުއްވަމުން ގެންދެވި ނޯޓުތަކުގައިވާ ގޮތަށް ކަމަށާއި ނޯޓުތަކުގައި އޮތީ ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީ ކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިގެން ޔާމީން މިނިވަން ނުވެދާނެކަމުގެ ފުރުސަތު އޮތްކަން އެންމެން ވެސް ގަބޫލުކުރަމުންދިޔަ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޔާމީން މިނިވަންކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި އެގޮތުން ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި، އަމިއްލަފުޅަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ބައެއް މިނިސްޓަރުންނަށް ވެސް ގިނަ މެސެޖުތަކެއް ކުރައްވާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.