ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ކުރިއަށް އޮތް ތިން އަހަރު ތެރޭ ސްމާޓް މީޓަރުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހުރިހާ އިންޖީނުތަކެއް މިހާރު އޮޕަރޭޓް ކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރަކުން ކަމަށެވެ.
އޭގެ އިތުރަށް ޑިސްޓްރިބިއުޝަން ސިސްޓަމް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށް ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭ ގޮތަށް ހަދާފައިވާއިރު، އެ ކުންފުނިން ހިދުމަތް ދޭ ރަށްތަށްވެސް މިހާރު ސްމާޓް ގްރިޑް މެދުވެރިކޮށް އިންޖީނުތައް ކޮންޓްރޯލްކޮށް އޭގެ ހާލަތު ދެނެގަނެވޭނެ ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، 2022 ވަނަ އަހަރުގެ ފަހުކޮޅު ފެށި ސްޓެލްކޯގެ ސްމާޓް ބިލްޑް ޕްރޮޖެކްޓުގެ މަސައްކަތް މަޑުޖައްސާލީ ސްމާޓް ގްރިޑްގެ މަސައްކަތް ނިމެންދެން ކަމަށެވެ. އަދި ޖުމުލަ ހައްލު ލިބެނީ ސްމާޓް ގްރިޑާއި ސްމާޓް މީޓަރުގެ މަސައްކަތް ނިމުމުން ކަމަށްވާއިރު ސްޓެލްކޯގެ މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް މިހާރު ބަދަލުކޮށް ނިމިފައިވާތީ ދެން ކުރިއަށްދާނީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އަމާޒަކީ ތިން އަހަރުތެރޭ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލުކުރުން ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ސްޓެލްކޯ އިން މިހާރު ކުރިއަށް ގެންދާ ސްމާޓް ބިލްޑްގެ ބޭނުމަކީ ކަރަންޓު ކެނޑިއްޖެ ހާލަތުގައި ޓްރާންސްފޯމަރު ނައްޓާލުމަށް އެ ތަނަކަށް ދިއުމުގެ ބަދަލުގައި އޮފީހުގައި ތިބެގެން އެކަން ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އަދި އެ މަސައްކަތް ނުނިމި އޮތީ ޖުމުލަ ތިން ރަށެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު