ވިއެޓްނާމުގައި އަލަށް އުފަންވާ ކުދިން ޓްރެފިކް ކުރާ ގޭންގެއް އަތުލައިގަނެފިއެވެ.

ވިއެޓްނާމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ގައުމުގެ އެކި ސިޓީތަކާއި ޕްރޮވިންސުތަކުން މިހާތަނަށް އަލަށް އުފަންވެފައިވާ 16 ކުދީން ޓްރެފިކް ކޮށްފައިވާ ކަން ހޯދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ވަނީ އެ ގޭންގުގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދިވެސް ގުޅުން ހުރި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ. އަލަށް އުފަންވާ ކުދީންގެ ތެރެއިން ތިން ދުވަހާއި ތިން މަހާއި ދެމެދުގެ ތުއްތު ކުދީންގެ ވިޔަފާރި ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް 16 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެ ގޭންގުން ކުދީން ގަނެފައިވަނީ 400 އެމެރިކާ ޑޮލަރާއި 930 އެމެރިކާ ޑޮލަރުގެ އަގުތަކެއްގައި ކަމަށް ބުނެފައެވެ. އަދި އޮޅުވާލައިގެން އެޑޮޕްޓް ކުރާ ލިޔެކިޔުން ހަދައި 1400 ޑޮލަރާއި 3000 ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކާފައިވާކަމަށްވެސް ފުލުހުން ހިންގި ތަހުގީގުން ހާމަވެފައިވެއެވެ.