ޓްރީ ޓޮޕް ހޮސްޕިޓަލް އިން މި ހަފުތާގެ ބަންދުގައި ގދ. ތިނަދޫގައި މަލްޓި ސްޕެޝަލިސްޓް ހެލްތް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ގިނަ ދާއިރާތަކެއް ހިމެނޭ ސިއްހީ ކޭމްޕުތައް ބާއްވަމުން އަންނައިރު މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ އިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އަދި މުޖުތުމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު މީޑިއާތަކަށް ބުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ކައުންސިލާ ގުޅިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ހެލްތް ކޭމްޕުގައި ވެސް ތަޖުރިބާކާރު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ހެލްތް ކޭމްޕުގައި ކަށީގެ ބަލިތަކާއި ކަރުންމަތީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ހުޅުހުޅުގައި ރިއްސުމާއި ހިތުގެ ބަލިތަކާއި ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ހާއްސަ ބަލިތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑަކްޓަރުން ޓެކްނިކަލް ލެވެލްގައި މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ތިނަދޫގައި ބާއްވާ ކޭމްޕް ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ހދ. އަތޮޅު ކައުންސިލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ތިނަދޫ އަންހެނުންގެ ކޮމިޓީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ ތިނަދޫގައި ބާއްވާ ހެލްތް ކޭމްޕުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްވެ، ލުއިފަސޭހަ ކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

  • ޑރ. މުހައްމަދު ހަބީބް - ކޮންސަލްޓަންޓް ކަށީގެ ހާއްސަ ބަލިތަކާއި ޓްރައުމާ ސާޖަރީ
  • ޑރ. އަލީ މުޒްނީ - ކޮންސަލްޓަންޓް ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ
  • ޑރ. އަހުމަދު އާޒިމް އަބްދުލް ޝަކޫރް - ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް
  • ޑރ. ރާޖޭޝް އަރްވިންދް ވާލަން - ކޮންސަލްޓަންޓް ކަރުން މަތީގެ ހާއްސަ ބަލިތައް
  • ޑރ. ޝިރްމީން މުހައްމަދު - ކޮންސަލްޓަންޓް އަންހެނުންގެ ހާއްސަ ބަލިތައް
  • ޑރ. މެހްމުތް އޮޑާ - ކޮންސަލްޓަންޓް ކުޑަކަމުދާ ނިޒާމުގެ ބަލިތައް
  • ޑރ. އަބްދުލް އަޒީޒް އަހުމަދު - ކޮންސަލްޓަންޓް ހިތުގެ ހާއްސަ ބަލިތައް (އިންޓާވެންޝަނަލް ކާޑިއޮލޮޖީ)
  • ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ - ކޮންސަލްޓަންޓް އެތެރެހަށީގެ ހާއްސަ ބަލިތައް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތް ތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.