އިހަވަންދިއްޕޮޅުގައި އަންނަ މަހުގެ 12 ގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ދެތިން ތާރީހެއް މީގެ ކުރިން ސަރުކާރުން ދީފައިވެއެވެ. ނަމަވެސް އެ ތާރީހުތަކަށް އެ މަޝްރޫއު ފެށޭ ގޮތް ވަނީ ނުވެފައެވެ.
ސަރުކާރު ހިންގާ ޕީއެންސީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް މަސައްކަތަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ކަމަށެވެ. ބަންކަރިން ހިދުމަތްތައް ފެށުމަކީވެސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެތިން ޑޭޓެއް ދިނުން. ވަރަށް ރަނގަޅު ތިބޭފުޅުން ހަނދުމަކޮށްދޭތީ. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ 12 ގައި ބަންކަރިންގެ ހިދުމަތް ރާއްޖޭގެ އުތުރުގައި ފެށިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގްރޫޕްއާއެކު އެސްޓީއޯއިން ވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައިވެސް ރާއްޖެ ހިމަނައިފައެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށަނީ ދެ ބާޖާއެކު، އޮފްޝޯކޮށެވެ.
ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު