ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި އެ މަނިކުފާނަށް ސިޔާސީ ޕްލެޓްފޯމަކާއި ވެރިކަން ހޯދައިދިނީ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް، އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވައި ވަރަށް ބޮޑަށް ތާއީދު ކުރެއްވި ކަމަށެވެ. 2013 ވަނަ އަހަރުގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެ މަނިކުފާނަކީ މާބޮޑު ސިޔާސީ ލީޑަރަކަށް ވެގެން ނުވަތަ ސިޔާސީ މަގުބޫލު ކަމެއް އޮވެގެން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ދިވެހި ރައްޔިތުން ކުރާ ތާއީދެއްގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް 2013 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ވެސް ޔާމީނަށް ކާމިޔާބު ކުރެވުނީ މައުމޫނުގެ ތާއީދުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހުދު އޭނާ ވެސް ވަނީ ޔާމީނަށް ތާއީދު ހޯދުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޔާމީނަކީ އަމިއްލައަށް ސިޔާސީ ޕްލެޓްފޯމެއް ކްރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން މަގުފަހި ކޮށްދިނީ."

ސިޔާސީ ގޮތުން އަބަދުވެސް ހުންނަވާނީ އެއް ފިކުރެއްގައި ކަމަށާއި ފިކުރު ބަދަލު ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ފިކުރު ބަދަލުކުރައްވައި ދުރަށް ކޮންމެ ފަހަރަކު ވަޑައިގެންފައިވަނީ ލީޑަރުން ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، ފިކުރު ދޫކުރައްވައި ވަޑައިގެންފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އޭނާ އެ ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ފިކުރުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީނަށް ތާއީދު ކުރެއްވީ އެ މަނިކުފާނަކީ ވަރަށް ގައުމީ އަދި ވަތަނީ ބޭފުޅެއް ކަމަށް އެއިރު ގަބޫލުކުރެވިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވި ހިސާބުން ތާއީދު އަނބުރާ ގެންދެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އިންތިހާބު ބޮއިކޮޓްކުރަން ޔާމީން އެދިވަޑައިގަތުމުން އެނގިގެންދިޔައީ އެ މަނިކުފާނަކީ މަވަތި ބޭފުޅެއް ކަމާއި އެ މަނިކުފާނަށް ނުލިބުނު އެއްޗެއް އެހެން މީހަކަށް ވެސް ލިބެން ބޭނުންވާނުވާ ބޭފުޅެއްކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.