ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެއްވުމަށް ތިން ފަހަރެއްގެ މަތީން ރައީސް ޔާމީން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ އަބަދު ވެސް ރައީސް މުއިއްޒާ މެދު ތަފާތު ކުރެއްވި ބޭފުޅެއް ކަމަށާއި ފެށުނީއްސުރެ ވެސް ޔާމީންގެ ހިތުގައި މުއިއްޒަށް ހިތްހަމަ ނުޖެހުން އޮތް ކަމަށެވެ.
އެހެންވެ ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ. ޔާމީން ބޭނުންފުޅު ނަމަ މުއިއްޒު ވަކި ކުރެއްވޭނެ ކަމަށާއި ނަމަވެސް އެކަމާ ބަޔަކު ދެކޮޅުވުމުންނާއި އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަން ނުވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރު ސިނަމާލެ ބްރިޖް ހުޅުވުމަށް މަސައްކަތް ކުރަމުން ދިޔައިރު, ބްރިޖްގެ އެއް އެއް ލޭން މަދު ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޔާމީން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޕީޕީއެމްގެ އޮފީހުގައި ވަޒީރުންގެ ކުރިމަތީގައި ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން އެމަނިކުފާނާ ދިމާލަށް ޔާމީން "ބަވާލި" ކަމަށެވެ.
"އެންމެ ފަހުން ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބުރިޖު ހުޅުވަން މަސައްކަތް ކުރަމުން ދިޔަ އިރު، އޭރު ސަކީނާ މަންޒިލްގައި ޕާޓީ އޮފިސް ހިނގަމުން ދާނީ. އެ ތަނުގައި ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެ ދުވަހު ޔާމީން ވިދާޅުވީ އެއް ލޭން މަދުކަން ތިމަންނަ އަށް މިއަދުއޭ މި އެނގުނީ ކިޔާފައި މުއިއްޒަށް ހެސްކިޔާފައި ބަވާލީ،"
އަބްދުއްރަހީމް ވިދާޅުވީ ބްރިޖުގެ އެއް ލޭން މަދުވީ މުއިއްޒުގެ ސަބަބުން ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އިކޮނޮމިކް ޔޫތު ކައުންސިލް ބެލެހެއްޓެވީ ޔާމީން ކަމަށާއި، ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ އިރު ލޭނެއް މަދުކަން ފާހަގަ ވާންޖެހޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ ޔާމީނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވައި ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެއް ކަމަށެވެ. 2013 ވަނަ އަހަރުގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެ މަނިކުފާނަކީ މާބޮޑު ސިޔާސީ ލީޑަރަކަށް ވެގެން ނުވަތަ ސިޔާސީ މަގުބޫލު ކަމެއް އޮވެގެން ނޫން ކަމަށެވެ. ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ މައުމޫނަށް ދިވެހި ރައްޔިތުން ކުރާ ތާއީދެއްގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމް 2013 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ވެސް ޔާމީނަށް ކާމިޔާބު ކުރެއްވުނީ މައުމޫނުގެ ތާއީދުގެ ސަބަބުން ކަމަށެވެ. ހުދު އޭނާ ވެސް ވަނީ ޔާމީނަށް ތާއީދު ހޯއްދެވުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީނަށް ތާއީދު ކުރެއްވީ އެ މަނިކުފާނަކީ ވަރަށް ގައުމީ އަދި ވަތަނީ ބޭފުޅެއް ކަމަށް އެއިރު ގަބޫލުކުރެވިގެން ކަމަށެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވި ހިސާބުން ތާއީދު އަނބުރާ ގެންދެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު