ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތައް ދެން ރަޖިސްޓްރީކުރަން ޖެހޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުންދިޔަ އެމްއެފްޑީއޭ އުވާލުމަށްފަހު މި ސަރުކާރުން ވަނީ އާ އެމްއެފްޑީއެއް އުފައްދައިފަ އެވެ. އާ އެމްއެފްޑީއޭ އުފައްދާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ބާރުތަކެއް އެ އިދާރާއަށް ލިބިދޭ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެމްއެފްޑީއޭއިން ރޭ ބުނީ ހުކުރު ދުވަހުން ފަށައިގެން ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރަން ފަށައިފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެމުންގެންދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން (ހޮޓާ، ކެފޭ، ރެސްޓޯރެންޓް) ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ ކަންކަން އެމްއެފްޑީއޭއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން "ވަންގަވް" މެދުވެރިކޮށް އެޗްޕީއޭއިން ދެމުންގެންދިޔަ އެ ހިދުމަތް އެމްއެފްޑީއޭއަށް ބަދަލުކުރާތީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާއި ހަމަޔަށް "ވަންގަވް" ގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
އެމްއެފްޑީއޭގެ ދަށަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީކުރުމާއި ހުއްދަދިނުން ބަދަލުކޮށްފައިވަނީ، މާލޭގައި ބުޅާމަހުން ތައްޔާރުކޮށްފައިވާ ކާބޯތަކެތި ވިއްކި ކަމުގެ ތުހުމަތުގައި ބަންގުލަދޭޝްގެ ރައްޔިތެއްގެ މައްސަލަ ފެންމަތިވެ އޭނާ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރީ ވިސާގެ މައްސަލައަކާ ގުޅިގެންނެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު