ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ގެނައި ބަދަލަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު މާލީ ބަގާވާތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ބީއެމްއެލްއަކީ ގައުމީ ބޭންކުގެ އިތުރުން ދިވެހި އެތައް ރައްޔިތުންގެ ހައްގު އޮތް ބޭންކެއް ކަމަށާއި ދިވެހި ރައްޔިތުންގެ މައްޗަށް އެ ބޭންކުގެ ޒިންމާތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ނުކުރުމަށް އެދިފައި އޮތް ކަމެއް، ހަމަ ހުރެފައި ބީއެމްއެލްއަށް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އެއީ ބަޣާވާތުގެ ބައިވެރިން. މިއަދު ބޭންކް އޮފް މޯލްޑިވްސް މި ޑިސިޝަން ނެގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަޣާވާތް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންނާއެކު އެންމެ ކުރީގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑުތަކުގައި ތިއްބަވާނެ ކަމެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ބޭންކް އޮފް މޯލްޑިވްސް ސީއީއޯ ޖެހޭނީ އިސްތިއުފާ ދޭން. މިހާ ބޮޑު ދެރައެއް، މިހާ ބޮޑު ގެއްލުމެއް ގައުމަށާއި ރައްޔިތުންނަށް ދޭން މަސައްކަތްކުރި ފަރާތަކަށް މިއަދު ބޭންކް އޮފް މޯލްޑިވްސްގެ އެންމެ މަތީ މަގާމުގައި ހުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެން އެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ބީއެމްއެލް އިން ނިންމުން ނިންމުމުގެ ކުރިން ވާހަކަ ދައްކައިގެން ހައްލެއް ގެންނެވުމަށް ރައީސް މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން ރައްޔިތުންގެ ހައްގުގައި އެ މަނިކުފާނު ގޮތްތަކެއް ނިންމަވައި، އިރުޝާދުތައް ދެއްވަމުން ގެންދެވި ކަމަށެވެ. އޭގެ އެއް ނިންމެވުމަކީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރެއްވުން ކަމަށް ވިދާޅުވިއެވެ.
"އެއަށް ވުރެ ގާބިލު ބޭފުޅުން ތިއްބަވަން ޖެހޭނީ 'ބޯޑުގައި'، ރައީސް ކޮންމެ ފަހަރަކު ކިޔައިދެއްވާކަށް ނުޖެހޭނެ މިކަންކަން ކުރައްވާނެ ގޮތް. އެބޭފުޅުން ގޮތް ހޯއްދަވަން ޖެހޭނެ. އެހެންވެ، އެންމެ އިސް ފަރާތަށް ވެސް ހުރެވިގެން ނުވާނެ. އޭނާ މިހާރުން މިހާރަށް އިސްތިއުފާ ދޭން އަޅުގަނޑު ގޮވާލަން." ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު