މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ވެގެންދާނީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ވަނީ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން އަދި ސީއީއޯގެ މަވގާމަށް ވަޑައިގަންނަވާ ދެބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުންނަކީ ވެސް ދުނިޔޭގެ އެކި ތަންތަނުގައި މަސައްކަތް ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށެވެ.
އެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ބޭންކު ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިން ފަދަ ދާއިރާތަކުން އިންވެސްޓު ކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ކަމަށެވެ.
"މިއީ ވަރަށް މުހިންމު ކަމެއް ފެށިގެން މިދަނީ، ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށްޓަކައި، ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިކުރުމަށްޓަކައި ވެފައިވާ އެންމެ މުހިންމު އެއް ވައުދު އެއީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގާއިމްކުރުމަކީ. އިރާދަކުރެއްވިއްޔާ ބޭންކް ގާއިމް ކުރެވުނީ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން އެ ބޭންކްގެ ބޯޑަށް ވަނީ ތިން މެންބަރަކު އައްޔަނުކޮށްފައެވެ. އެ ބޭންކުގެ ބޯޑަށް އައްޔަންކޮށްފައިވަނީ މއ. ވޭސައިޑް 805 ފްލެޓް އަހުމަދު އަލީ އާއި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދުގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބަޓް ޑެނިއެލް ކާންޓްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު