ތިމާ ކުރަން ހުރި ކަންތައްތަކުގައި ފަހަތަށް ޖެހި، ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައިދާ މީހަކަށް ނުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިތްވަރާއެކީގައި ނުގުޑާފަދަ އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފި ނަމަ އުދަނގޫ އެއްވެސް ކަމެއް ނުވާނެ ކަމަށް މަޖީދިއްޔާ ސްކޫލުގެ މޮޓޯގައި ބުނާއިރު، އެއީ ހަމައެކަނި ތައުލީމީ ހަޔާތަށް އޮތް މޮޓޯއެއް ނޫން ކަމަށެވެ.
އެގޮތުން ތިމާގެ ހަޔާތުގައި ކޮންމެ ކަމެއްގައިވެސް ހިތްމަތާއި ވަރުގަދަ އަޒުމެއްގައި މަސައްކަތް ކޮށްފި ނަމަ، ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"ހިތްމަތާއި ވަރުގަދަ އަޒުމެއްގައި ބުރަކޮށް މަސައްކަތް ކޮށްފިއްޔާ ކާމިޔާބީ ހާސިލުވާނޭ. ދަތި އުދަނގޫ ކަމެއް ނޯންނާނޭ. އެއީ މޮޓޯގެ މާނައަކީ. އެހެންވީމަ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށްވާންވީ އެ މީހެއްގެ ހަޔާތުގައި، އަދި އެ މީހެއްގެ ފަރާތުން އަނެކުންނަށް ކަމެއް ކޮށްދިނުމުގައި އަދި އެ މީހެއްގެ ފަރާތުން މުޖުތަމައުއަށް އަދި އެ މީހެއްގެ ފަރާތުން ގައުމަށް ކަމެއް ކޮށްދިނުމުގައި މި އަޒުމުގައި މަސައްކަތް ކުރުން. މި މޮޓޯ އާއެކު ކޮންމެ މީހަކުވެސް މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ކަންތައްތަކެއް ކުރަން ނުކުމެއްޖެ ނަމަ، ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށެވެ.
"އެއީ ކޮންމެ މީހެއްގެވެސް ހިތުގަ ބިންވަޅުނަގާ އަޒުމަކަށް ވާންވީ މި އަޒުމް. ތިމަންނާ ކުރަން ހުރި ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނަ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ހިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖުތަކާ ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ އަޒުމުގައި ކުރިއަށްދާންށޭ ތިމަންނަ މިހުރީ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު