ސަތޭކައަށްވުރެ ގިނަ އިލްމުވެރިންނާއެކު އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

އެ ބައްދަލުވުން ފެށީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޖަމްއިއްޔަތު ތުފޫދުލް ހަރަމްގެ ރައިސް އަލްއުސްތާޒު ދުކްތޫރު ހަމްދާން ބިން ހުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ކަންތައްތަކާއި ހާސިލުކުރާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވީ ރައީސުްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި މިއަދުގެ ސަރުކާރަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއް ކަމަށެވެ.

"އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާ ކަމެއް. އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިންމު ބަޔަކީ ދީނީ އިލްމުވެރިން. އެކަންކަމުގައި އިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ އިލްމުވެރިންނަށް ޝުކުރު އަދާކުރަން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ އިލްމުވެރިންގެ ބައްދަލުވުމުގެ ތެރެއިން ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އޭގެ ތެރެއިން މިނިސްޓްރީގެ ދީނީ މަސައްކަތްކުރިއަށް ގެންދާނެ ގޮތްތަކާމެދު އިލްމުވެރިންގެ ލަފާ ހޯދައި ގައުމީ އިސްލާމީ ތަސައްވުރަކާމެދު މަޝްވަރާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.