ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް ޖަލު އޮފިސަރަކަށް ދައުވާކޮށްފިއެވެ.

ޖަލަށް މަނާތަކެތި ވެއްދި ކަމުގެ ތުހުމަތުގައި 13 ޖަލު އޮފިސަރުން ހައްޔަރުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ އިރު، އެ 13 އޮފިސަރުން ހައްޔަރުކުރީ މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލައިގައި ހިމެނޭ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ޖިނާހް އަބްދުއްރަހީމް، ރ. އުނގޫފާރު، އައިވަރީހައުސް، އަލީ ހިޝާމް، ކ. މާފުށި، ބީޗްހައުސް، އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ، މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ އަދި އަލީ އަސްފާގް، ނ. ލަންދޫ، ކާމިނީގެ، އެވެ.

މީގެ ތެރެއިން ޖިނާހް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

އަލީ ނާޒިމް އާއި މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި، މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށް ގެންދާތީ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކ. މާފުށިން ހައްޔަރު ކުރީ ނުވަ އޮފިސަރުން، ކާށިދޫން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެ އިން އޮފިސަރެކެވެ. މި 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެކަމުގައި ކަރެކްޝަންސްގެ ޖޫނިއާ ލެވަލްގެ 18 އޮފިސަރަކު ހިމެނޭ ކަމަށާއި އެ މީހުންގެ އެކައުންޓުތަކަށް 73.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.