އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިންގެ ހިދުމަތުގެ ތެރެއިން މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، މުހައްމަދު ވަޖީދު އިބްރާހީމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިމާދު އިބްރާހީމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ، ބަންކަރިންގައި ތެލުގެ ބާވަތްތައް ސަޕްލައިކޮށްދޭނީ އެސްޓީއޯއިން ކަމަށާއި ފެނާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނީ އެމްޕީއެލުން ކަމަށެވެ.
ވަޖީހު ވިދާޅުވީ، އެކަމަށް ބޭނުންވާ އެއް ބާޖު މި މަހު އަންނާނެ ކަމަށާއި އަނެއް ބާޖު އަންނަ މަހު އަންނާނެ ކަމަށެވެ.
"އަންނަ މަހުގެ ކުރީކޮޅުގައި ފެށޭނީ. މިހާރު ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި ހުރީ،" ވަޖީހު ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިމާދު ވިދާޅުވީ، ބަންކަރިން ހިދުމަތް ފަށަނީ އޮފްޝޯކޮށް، ފްލޯޓިން ބަނދަރެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އަމާޒަކީ، އިހަވަންދިއްޕޮޅުގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށްގެން ހިދުމަތް ދިނުން ކަމަށެވެ.
"މިވަގުތު ހުންނާނީ ބަންކާ ބާޖު. އަޅުގަނޑުމެން މި ފަށަނީ ދެ ބާޖުން. ކެޕޭސިޓީއަކީ ކޮންމެ އެއްޗެއް ގާތްގަނޑަކަށް 4000 ޓަނު،" ސިމާދު ވިދާޅުވިއެވެ.
ސިމާދު އިތުރަށް ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ރަނގަޅު ޗެނަލެއް ކަމަށާއި ރަނގަޅަށް މާކެޓުކުރެވިއްޖެނަމަ ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގްރޫޕްއާއެކު އެސްޓީއޯއިން ވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައިވެސް ރާއްޖެ ހިމަނައިފައެވެ.
ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު