މީހަކު އަޅާ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކުރުންތައް ހުރި ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ހެދުން އަޅާ ނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.

"އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދައި އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މުޖުތަމައަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

ރައީސް އެގޮތަށް އެންގެވި އިރު، މޫނުބުރުގާ އަޅާ ފަރާތްތަކަށް ވަޒީފާ ދިނުން އަދި ވަޒީފާތަކުން ވަކިކުރުމުގެ ތަފާތު މައްސަލަތައް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.