ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރަން ނިންމާފައިވާ މައްސަލަތަކަށް ޖާވާބުދާރީވުމަށް، އޭނާ ހާޒިރުކުރަން ހަމަޖެހިފައިވާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ބައްދަލުވުން ކޮމިޓީން ސިއްރުކުރީ، އެ ބައްދަލުވުން ލައިވްކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައި ވަނިކޮށެވެ.

ޝަމީމް ކޮމިޓީއަށް ހާޒިރުކުރަން އޮތީ، މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ކޮމިޓީ ސިއްރުކުރަން ފާސްކުރީ، ހެނދުނު 10:30 ގައި ކޮމިޓީ ބައްދަލުވުން ފެށުމަށްފަހުގައެވެ. ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ޝަމީމަށް ދައުވަތު ދެއްވާފައިވަނީ 11:00 އަށް ކަމަށާއި، އޭގެ ކުރުން ކޮމިޓީ ކުރިއަށްގެންދާނެ ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

އެ ކޮމިޓީ ބައްދަވުލުން ސިއްރު ކުރުމަށް ހުށަހެޅުއްވީ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އޭނާ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހިމެނޭތީ އެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެެވެ. މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޕީޖީގެ ވާހަކަތައް ސިއްރުކުރަން ޖެހޭ ކަމަށް ޝަމީމް ވެސް ވިދާޅުވެފައިވާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ އެފަދަ ބޭފުޅުންގެ އެދިވަޑައިގަންނަވާ ކަންތައްތަކަށް އިހުތިރާމު ކުރައްވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ނަސީމުގެ ހުށަހެޅުއްްވުމަށް ތާއީދުކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ ޕީޖީކަމުގެ މަގާމު ބޭނުންކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވި ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރައްވަމުންނެވެ.